ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް އެއީ ކުށް ކަމުގައި ކަނޑައެޅުމަށާއި އެކުށްތަކާގުޅޭ އިޖުރާއީ އުސޫލުތައް ކަނޑައެޅުމަށް 3 ގާނޫނަކަށް އިސްލާޙު ގެނައުމަށް ހުށަހަޅާ ބިލުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

ސައިބަރސްޕޭސްގައި ހިންގާ ހުއްދަނޫން އަމަލުތައް ކުށަށް ހެދުމަށް އިސްލާހު ގެންނަ ތިން ގާނޫނަކީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނު އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެއެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ހުށަހަޅާ މައިގަނޑު އިސްލާހަކީ ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި އިތުރު ކުށެއް ކުރުމަށް މަގުފަހި ކުރުމުގެ ނިޔަތުގައި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އެކްސެސްވުމާއި ހުއްދަނެތި ކޮމްޕިއުޓަރ ޑޭޓާ އިންޓަރސެޕްޓް ކުރުމާއި އިންޓަރފިއަރ ކުރުން އަދި ހުއްދަނެތި ކޮމްޕިއުޓަރ ސިސްޓަމަކަށް އިންޓަރފިއަރކުރުން ހިމެނެއެވެ.

މީގެ އިތުރުން ނަހަމަގޮތުގައި ޑިވައިސްތައް ބޭނުންކުރުމާއި ސައިބަރވަޔަލެންސްގެ އަމަލުތައް ( ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުޑަކުދިންގެ އޮރިޔާން ކާޑު ޝާއިޢުކުރުން، ކޮމްޕިއުޓަރ ސިސްޓަމެއް މެދުވެރިކޮށް ޝާޢިއުކުރުމުގެ ބޭނުމަށްޓަކައި ކުޑަކުދިންގެ އޮރިޔާން ކާޑު އުފެއްދުން އަދި ކޮމްޕިއުޓަރ ސިސްޓަމެއް ނުވަތަ ކޮމްޕިއުޓަރ ޑޭޓާ ސްޓޯރޭޖް މީޑިއަމެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުން) ވެސް ހިމެނެއެވެ.

އަދި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ގާނޫނުލްއުގޫބާތަށް ގެންނަ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ހެކި ހޯދުމާއި ގުޅޭގޮތުންނާއި، ކޮމްޕިއުޓަރ ސިސްޓަމްގައި ރައްކާކޮށްފައި ހުންނަ ޑޭޓާ އަވްސގޮތެއްގައި ޕްރިޒަރވްލުރުމާއި، ޕްރިޒަރވްކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސްގޮތެއްގައި ހާމަކުރުމާއި ގުޅޭގޮތުންނައި، ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސްވުމާއި ގުޅޭގޮތުން އެހީތެރިކަން ބަދަލުކުރުމާއި ގުޅޭ ގޮތުންނާއި، ޓްރެފިކް ޑޭޓާ ރިއަލް-ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލުކުރުމާއި ގުޅޭގޮތުންނާއި، ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓްކުރުމާއި ގުޅޭގޮތުން ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ އުސޫލްތަކާއި ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ ކޮމްޕިއުޓަރ ޑޭޓާއަގުލޭ ކުށްތަކާއި، ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށްތަކާއި ގުޅިގެން ހިންގާ ޖިނާއީ ތަޙްޤިގުތަކާއި ޝަރީޢަތްތަކަށް ބޭނުންވާ އެހީތެރިކަން ދިވެހިރާއްޖެއިން ބޭރު ޤައުމުތަކަށް ވަގުތުން ފޯރުކޮށްދިނުމަށްޓަކައި އަދި ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ހޯދުމަށްޓަކައި 24/7 ނެޓްވަރކެއް ޤާއިމްކުރުމާގުޅޭ އުސޫލްތަކެވެ.

ޖިނާޢީ އިޖުރާޢަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހުށައަޅާ ކަންކަމުގެ ތެރޭގައި ސަރވިސް ޕްރޮވައިޑަރުން ސަބްސްކްރައިބަރ އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޑޭޓާ ރިޓެއިންކުރުމާއި ގުޅޭ އިޖުރާއަތާއި ރައްކާކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާ އަވަސް ގޮތެއްގައި ޕްރިޒަރވްކުރުމަށާޢި، ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމާ ގުޅޭ އިޖްރާޢަތު އަދި ކޮމްޕިއުޓަރ ޑޭޓާއާޢި، ސަބްސްކްރައިބަރ އިންފޮމޭޝަން ހޯދުމަށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެއަމުރު ތަންފީޒްކުރުމުގެ އިޖްރާއަތުގެ އިތުރުން ރައްކާކޮށްފައިވާ ކޮމްޕިއުޓސރ ޑޭޓާ ބަލައި ފާސްކުރުމާއި، އެޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތާއި ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގަި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެއަމުރު ތަންފީޒްކުރުމުގެ އިޖްރާއަތު ހިމެނެއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ މިބިލަކީ ސައިބަރ ކްރައިމްއާއި އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށް ކުރާ އެހެން ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށްޓަކައި ޤާނޫން ތަންފީޒްކުރާ އިދާރާތަކަށް ލިބިދޭންޖެހޭ ބާރުތައް ލިބިދީ އެފަދަ ކުށްތައް ތަޙްޤީގުކޮށް ދަޢުވާ އުފުލުމުގައި އަމަލުކުރާނެ އިޖްރާއީ އުސޫލްތައް ކަނޑައެޅުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިސްލާހްތައް ގެނައުމަށް ހުށަހަޅާ ބިލެކެވެ.