ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މިހެން ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި، އައްޑޫ ސިޓީގައި ސ. ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ދެ މީހަކަށް ކޮށްފައިވާ ކަމަށާއި އަދި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ފަސް މީހެއްގެ މައްޗަށް ކޮށްފައިވާކަން ހާމަކުރައްވަމުންނެވެ.
މުހައްމަދު ޒަޔާން މަރާލި މައްސަލާގައި އިއްޔެ 7 މީހެއްގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވާއިރު 6 މީހެއްގެ މައްޗަށް ވަނީ ކުޑަކުދިން ލައްވާ ކުށް ކުރުމުގެ 8 ދައުވާއެއް ކޮށްފަ ކަމަށެވެ.
ކުޑަކުދިން ލައްވާ ކުށް ކުރުމުގެ 8 ދައުވާ އައި 6 މީހުންނަށް ޖުމުލަ 24 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބަ އޮތެވެ. ދެން ހުރި މީހާގެ މައްޗަށް ވެސް ކުޑަކުދިން ލައްވާ ކުށްކުރުވުމުގެ ހަތަރު ދައުވާއެއް، ވަކިވަކިން ހުށަހަޅާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ، މިއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ އެންމެ ގިނަ ބައެއްގެ މައްޗަށް ހުށަހެޅި މައްސަލަ ކަމަށެވެ.
މިއީ ތުހުމަތުކުރެވޭ މީހުންގެ ފަރާތުންނާއި އެ މީސްމީހުންނާ ގުޅިފައިވާ މީހުންގެ ފަރާތުން އަދި ދިފާއީ ވަކީލުންގެ ފަރާތުން ވެސް ތަހުގީގަށް ގޮންޖެހުންތަކާ ކުރިމަތިވި މައްސަލައެއް ކަމަށް ޝަމީމް ވިދާޅުވެއެވެ.
ޝަމީމް ވިދާޅުވީ މައްސަލާގައި ހިމެނޭ ކުދިން ލައްވާ ކުށް ކުރުވި ވަގުތު، އެހެން ތަނެއްގައި ތިބިކަން ދެއްކުމަށްޓަކައި، ވަކި ރޭވުމެއްގެ ތެރެއިން، ކުށުގެ މާހައުލު ނޫން އެހެން ތަނެއްގައި އެ ވަގުތު ކުއްޖާ އުޅުނުކަން ދެއްކުމަށް އެހެން މީހުން ލައްވައި، މި ކަމުގައި ހިމެނޭ ބޮޑެތި މީހުން މަސައްކަތް ކުރުން ފަދަ ކަންކަން ކުރި ކަމަށެވެ.
އަދި އެ މީހުން އެކަން ކުރީ އެގޮތަށް، އެ ބޭނުމުގައިކަން، ތަހުގީގަށް ހޯދިފައިވާ ކަމަށާއި ހެކި އުފައްދަން އުޅުނަސް ފުލުހުން "އެއް ފިޔަވަޅު ކުރީގައި" ތިބުމުން އެކަން ކާމިޔާބު ނުވީ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ހާދިސާ ހިނގައިފައިވާ ގޮތަށާއި، ތުހުމަތު ކުރެވޭ މީހުން މި އަމަލު ހިންގާފައިވާ ގޮތަށް ބަލާއިރު، އެ މީހުންނަކީ، މުޖުތަމައަށް އިންތިހާއަށް ނުރައްކާތެރި ބައެއްކަމަށް ގަބޫލުކުރެވޭތީ، އެ އެންމެން އަދިވެސް ތިބީ ކޯޓު އަމުރެއްގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
އެއީ އަވަހަށް ޝަރީއަތް ހިންގައި ނިންމަންޖެހޭ ފަދަ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި މިފަދަ ކޭސްތަކުގައި ޝަރީއަތް އަވަސްވި ވަރަކަށް ކުށް ސާބިތުކުރުމުގެ ރޭޓް މަތިކަން ތަފާސްހިސާބުތަކުން ދައްކާކަން ޝަމީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކުށްކުރާ ޖަމާޢަތްތަކުން، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަކީ އޭގެ ޒާތުގައި ދައުވާ ކުރެވޭނެ ކުށެއް ކަމަށާއި އައްޑޫގައި، ނުވަތަ އެނޫން ރަށެއްގައި ވިޔަސް، ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރާނަމަ، އެކަމަށް ވަކިން ދައުވާ ކުރެވޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވެއެވެ.
ކުށްކުރުމުގައި ކުޑަކުދިން ބޭނުންކުރުން ނިމުމަކަށް ގެނައުމަށް ޤާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށް ވެސް ޝަމީމް ވިދާޅުވެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމަކީ ކުށެކެވެ. އަދި ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުމަކީ ނުވަތަ ގްރޫމް ކުރުމަކީ ކުށެއްކަމަށްވެސް އެ ގާނޫނުގައި އޮވެއެވެ. އެކުށުގެ އަދަބަކީ 3 އަހަރު ދުވަހަށް ޖަލަށްލުމެވެ.
މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުޞަތަށް އެދިފައިވާތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހެދިފައިވާ ކަމަށް މީގެ ކުރިން ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.