ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫ ކައުންސިލް މެންބަރުން ވަނީ ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވައި، ފ. އަތޮޅަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ޤާއިމްކޮށްފައިވުމަކީ، ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ފޮނި ނަތީޖާކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން، ދަރަނބޫދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސްއާއި ހިއްސާކޮށްފައެވެ.
އެގޮތުން، ކައުންސިލުން ވަނީ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދާކަމުގައި ވިދާޅުވެފައެވެ. އަދި، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ޢިޖްތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ވެސް ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި، ޞީއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސްއާއި ހިއްސާކޮށްފައެވެ.
ދަރަނބޫދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި، މާލީދަތިތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލާއި، ކޮމިޓީއިން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.