ކަމާބެހޭ ފަންނީ މަޢޫލޫމާތުގެ އަލީގައި ނައިޓްރޮޖެން މެނޭޖްކުރުމަށް ރާއްޖެއިން ޕޮލިސީތައް ހަދައި ދުނިޔޭގެ ތިމާވެށީގެ މައްސަލަތަކައް ޙައްލުހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ގައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ވަނީ "މޭސިވް އޯޕެން ލާނިންގ ކޯސް" އަދި ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް މޯލްޑިވްސްގެ ކަންޓްރީ ރިޕޯޓް ނެރެދެއްވާފައެވެ. މި ކަންޓްރީ ރިޕޯޓްގައި ރާއްޖޭގައި ނައިޓްރޮޖެންގެ ޙާލަތު ހުރިގޮތާއި މެނޭޖްމަންޓް ސްޓްރެޓެޖީތައް އެކުލެވިގެންވެއެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، "ސައުތު އޭޝިއަން ނައިޓްރޮޖެން ހަބް" (އެސް.އޭ.އެން.އެޗް.)ގެ ބައްދަލުވުން ރާއްޖޭގައި ބޭއްވޭތީ އެކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމަކީ ނައިޓްރޮޖެން މެނޭޖްކުރުމުގެ ކަންކަން ޢިލްމީ އަދި ދިރާސާގެ މައްޗަށް ބިނާކޮށްގެން ކުރިޔަށްގެންދިއުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަން އެމަނިކުފާނުފާނު ފާހަގަކުރެއްވިއެވެ.
އަދި ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިސްނަގައިގެން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި މި ޕްރޮގްރާމް ކުރިއަށް ގެންދަވާތީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެކަމަށް ތަޢުރީފް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅެމުންދާ ނާޒުކު ޙާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ޞިނާޢަތްތަކާއި، ވިޔަފާރިތަކަށާއި، ފަރުދުންގެ ޞިއްޙަތާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށްވެސް ނުރައްކާ ކުރިމަތިވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވަނީ، ދެކުނު އޭޝިއާގެ އާބާދީ މިހާރު 2 ބިލިޔަނަށްވުރެ މައްޗަށް ދާއިރު 2050 ވަނައަހަރާއި ހަމައަށް އަންނަ އިރު މި ޢަދަދު ދެގުނަ ވެގެންދާނެކަން ފާހަގަކުރައްވާ މި ސަރަޙައްދުގައި ދަނޑުވެރިކަމުގެ ތެރޭގައި ބޭނުންކުރާ ނައިޓްރޮޖެންއާއެކު 2050 ވަނަ އަހަރާހަމައަށް ދާއިރު ދުނިޔޭގައި އެންމެގިނައިން ނައިޓްރޮޖެން ބޭނުންކުރާ ސަރަޙައްދަކަށް ވެސް މި ސަރަޙައްދު ވެގެންދާނެކަމަށް ވިދާޅުވެފައެވެ.
އަދި މިކަމުގެ ސަބަބުން މި ސަރަޙައްދުގައި ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށްޓާއި، ތަރައްޤީގެ ކަންކަމުގައިވެސް ކަންބޮޑުވުންތަކާ ކުރިމަތިލާން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެސް.އޭ.އެން.އެޗް.ގެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ދެކުނު އޭޝިއާގެ އަށް ގައުމެއްގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވަ އެވެ. އެއީ އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، އަފްޣާނިސްތާން، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ދިވެހިރާއްޖެއެވެ.