ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރުދަނާކަމާއެކު އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ ކޯރއަކީ މެޑިކަލް ކޯރ ކަމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި، ހަރުދަނާކަމާ އެކު އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ، އަދި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިޒޯސަސް މަދު އެހެން ނަމަވެސް ރިޒޯސްފުލް ކޯރއަކީ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި، ހީވާގި، މެޑިކަލް ކޯރ ކަމަށް ޝަމާލް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި ހަތް ކޯރ އެކުލެވިގެންވާއިރު، މެޑިކަލް ކޯރއަކީ އިސް ކޯރއެއްގެ ގޮތުގައި ސްޓޭޓަސް ދެވިފައިވާ ކޯރއެއް ކަމަށާއި، އެ ކޯރގެ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި، އަބަދުމެ މަޝްވަރާ ކުރައްވަމުން ގެންދަވާކަން ޝަމާލް ފާހަގަކުރެއްވިއެވެ.
އަދި 1991 ވަނަ އަހަރު މެޑިކަލް ކޯރގެ ޚިދުމަތްތައް ފެށުނީ، ޔުނިޓެއްގެ ދަށުން އާންމު ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ކުޑަކުޑަ ކުލިނިކެއް ގޮތުގައިކަން ފާހަގަކުރައްވާ ޝަމާލް ވަނީ މިއަދާ ހަމައަށް އައިއިރު، ފިސާރި ވަރުގަދަ ކޯރއަކަށް އެ ކޯރ ވެގެން ގޮސްފައިވާ ކަމުގައި ވިދާޅުވެފައެވެ.
އަދި ކޮވިޑް-19ގެ ބަލިމަޑުކަމުގެ އިތުރުން ވެސް، ރަށްރަށުގައި މެޑިކަލް ކޭމްޕުތައް ބޭއްވުމަށް ދާދި ފަހުން ވެސް ސެނަހިޔާގެ "ލަޝްކަރެއް" ރަށްރަށަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންގެ ލޯބި އެޓީމުން ހޯދާފައިވާކަން ޗީފް އޮފް ޑިފެންސް ފޯސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
މެޑިކަލް ކޯރގެ ތަސައްވުރާ ބެހޭގޮތުން އަލިއަޅުއްވާލައްވައި ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، ސެނަހިޔާގެ މުސްތަޤްބަލު ފެންނަމުން ދަނީ އުޖާލާކޮށް ކަމަށާއި، މެޑިކަލްގެ ހުރިހާ ދާއިރާއަކުން މީހުން ގުޅި، އެ ޚިދުމަތް ފުޅާކުރެވިގެން ދިޔުމަކީ މިއަދުގެ ލީޑަރޝިޕްގެ ސްޓްރެޓެޖިކް ވިޝަންއެއް، އަދި ސްޓްރެޓެޖިކް އޮބްޖެކްޓެއް ކަމުގައެވެ.