އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ 61 މެމްބަރުންގެ ވޯޓުންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އެބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވަނީ 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ދިރާސާކޮށްފައި ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. ބަޖެޓަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނެވުނު ބަދަލުތައް ހިމެނެއެވެ.

އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރަނީ 32.1 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޓެކުހުގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވެނީ 23.5 ބިލިއަން ރުފިޔާއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށާއި، ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކުރުމަށް މަގުފަހިކުރުމުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުން ކަމަށެވެ.