ގައުމީ ރޫހާއި އިޚްލާސްތެރިކަމުގެ ހިތަކާއި އެކު ކޮންމެ ދުވަހަކު މަސައްކަތަށް ދިޔުން މުހިއްމު ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

އެމްއައި ކޮލެޖުގެ ދަސްވެނިވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަސްވެނިވުމުގެ ހަފްލާތަކަކީ އެމަނިކުފާނަށް ވަރަށް ޚާއްސަ ހަފްލާތަކެއް ކަމަށާއި އެއީ ދަރިވަރުން ސަނަދު ހިފައިގެން ނިކުންނަ ކޮންމެ ފަހަރަކު މުޖުތަމައުއަށް އިލްމު އުނގެނި ހުނަރު ދަސްވެގެންތިބި އައު ބަޔަކު ނިކުންނަ ކަމުގެ ހިތްހަމަޖެހުން ލިބިލައްވާކަމަށެވެ.

ސަނަދުގެ ސަބަބުން، ދަސްވެނިވި ދަސްވެނިންނަށް ވަޒީފާގެ ކުރިއެރުން ލިބުމުގައި ނުވަތަ ވަޒީފާއެއް ހޯދުމުގައި ނުވަތަ އައު ވަޒީފާއެއް ފެށުމުގައި ނުވަތަ އައު ކަމެއް އަމިއްލައަށް ފެއްޓުމުގައި މިއީ ކަޑައްތުކުރި ވަރަށް މުހިއްމު ދައުރެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކުރުމަށް އެމްއައި ކޮލެޖުން ކުރަނީ ލާމަސީލު މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތައުލީމު ހާސިލުކުރަން ކުރި މަސައްކަތާއި މަސައްކަތް ކުރެވުނުގޮތާއި އެމްއައި ކޮލެޖުން ހާސިލު ކުރި ތައުލީމާއި ފުރުސަތު އެންމެ ފުރިހަމަ ގޮތުގައި ހިފުނުތޯ އަމިއްލަ ނަފްސާ ކޮށްލަން މުހިއްމު ކަމަށެވެ. އިލްމީ މަރުކަޒެއްގައި ސަނަދެއް ހޯދަން އިލްމު އުނގެނޭއިރު ސަނަދެއް ހޯދަން ހުނަރެއް ދަސްކުރާއިރު ވަރަށް ގިނަ މީހުންނާއި ބައްދަލުވާނެ ކަމަށާއި ވަޒީފާގެ މައިދާނަށް ނިކުންނައިރު އެހެން މީހުން ތިމާއާއި ދޭތެރޭ ކިޔަވައިގެން ހުރި މީހެކޭ ބުނެވޭ ވަރު ކުރަން މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.