އުފަންވާ ކުދިން ހަފުތާއެއްގެ ތެރޭގައި ރަޖިސްޓަރީ ނުކޮށްފި ނަމަ، ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ.
މަޖިލީހުގެ ގައުމީ ތަރިކައާއި ތަރައްގީގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމެޓީ ގުޅިގެން ދިރާސާކުރި މިބިލު ފާސްކުރީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަަލްސާގައެވެ. މިބިލުގައިވާ ގޮތުން ރާއްޖޭގައި އުފަންވާ ކޮންމެ ކުއްޖަކު އުފަންވާތާ ހަތް ދުވަހުގެ ތެރޭގައި ފޫޅުމާ ފޯމާ އެކު، ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހެޅުމަކީ އެކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާއެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭ ގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭ ކަމަށް ވެސް އެބިލުގައި ވެއެވެ. އަދި އެކުދިން އުފަންވާ ތާރީހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭ ގައި، އުފަންދުވަހުގެ ސެޓިފިކެޓް ހައްދަން ރަށް ނުވަތަ ސިޓީ ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ބިލު ހުށަހެޅިއިރު އޮތީ އެމުއްދަތުގައި ރެޖިސްޓްރީ ނުކޮށްފިނަމަ އަދި އުފަންދުވަހުގެ ސެޓްފިކެޓް ހައްދަން ހުށަނާޅައިފި ނަމަ 10000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މިކަމާ ގުޅިގެން ގިނަ ބައެއް ގެ ކަންބޮޑުވުންތައް ހުރުމާއެކު، ކޮމިޓީ މަރުހަލާގައި ވަނީ ލުއެއް ދީފައެވެ. އެގޮތުން މިފަދަ ހާލަތެއްގައި ޖޫރިމަނާކުރުމުގައި އެކަން ނުކުރި ސަބަބަކަށް ރިއާޔަތް ކުރެވޭ ގޮތަށް ކޮމިޓީއިން ވަނީ އިސްލާހު ގެނެސްފައެވެ.
ކޮމިޓީ މަރުހަލާ ގައި މިބިލަށް ދެން ގެނެސްފައިވާ އަނެއް މައިގަނޑު ބަދަލަކީ ފޫޅުމާ ފޯމު ގައި ބައްޕައަށް ސޮއިކުރެވެން ނެތް ހާލަތުގައި މަންމައަށް ސޮއިކުރެވޭ ގޮތަށް އަދި މަންމައަށްވެސް ސޮއިކުރެވޭނެ ހާލަތެއް ނެތް ނަމަ ބެލެނިވެރިޔާއަށް ސޮއިކުރެވޭނެ ގޮތަށް ހެދުމެވެ.
މީގެ އިތުރުން، ރާއްޖެ އާއި ރާއްޖޭން ބޭރު ގައި އުފަންވާ ކުދިން، އުފަންވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގަ އި އެކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓު ހައްދަން ރަށް ނޫނީ ސިޓީ ކައުންސިލަކަށް ހުށަހަޅަންޖެހެއެވެ.
އެބިލުގައިވާ ގޮތުން، އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ދަފްތަރެއް ވެސް ރަށް ނޫނީ ސިޓީ ކައުންސިލުން ބަލަހައްޓަންޖެހެއެވެ.