ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީ ގެ ގޮތު ގައި 2 ރުފިޔާ ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިބިލު ފާސްވީ ރައްޔިތުންގެ މަޖިލީހުގެ 54 މެމްބަރުންގެ ވޯޓުންނެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ކުނި މެނޭޖުކުރުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާ ގެ މެމްބަރު މުޙައްމަދު ރާޝިދެވެ.

މިބިލްގެ 33 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތު ގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަަ، 2 ރުފިޔާއާ އެއްވަރު ގެ އަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ.

މިޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ، ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅާއި ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއް ގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅާއި ބަންދުނުކޮށް ހުންނަ ކާޑުގެ ބާވަތްތައް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު އަދި ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި އިސްތިސްނާ ވާނެއެވެ.

މިބިލުގައި ވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓު އޮފް ސޭލު ގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މިޤާނޫނުގެ 32 ވަނަ މާއްދާ ގައި ބަޔާންކޮށްފައިވާ ގޮތު ގެ މަތިން ލެވީ ނެގުން، މިޤާނޫންނަށް އަމަލުކުރަން ފަށާ ތާރީޙުން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމްވާނެ ކަމަށެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މިޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުން މިބިލުގައި ވަނީ ލާޒިމުކޮށްފައެވެ. މިޤާނޫނު ގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމު ގައި ޢަމަލުކުރާނެ އުސޫލުތަކާއި ޤަވާއިދު، މިޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސްދުވަހު ގެ ތެރޭ ގައި މީރާއިން އެކުލަވާލަން ޖެހެއެވެ.

އެއް ފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަމާޒެކެވެ.