ޗައިނާގައި އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

އެގޮތުން، ޝަންހާއީއާއި، ވެރިރަށް ބެއިޖިންގުގައި އެންމެ ވަރުގަދައަށް މުޒާހަރާތައް ކުރި ސަރަހައްދުތަކަށް ފުލުހުން ނުކުމެ، ބައެއް ހިސާބުތަކުގައި ބެރިކޭޑް ޖަހައި ބަންދުކޮށްގެން ފޯރިމަރަން ފަށާފައި ވެއެވެ.

ޝަންހާއީއާއި، ބެއިޖިންގުގެ އިތުރުން، ޗައިނާގެ އެކި ސިޓީތަކުގެ މަގުތަކަށް ހަފްތާ ބަންދުގައި އާންމުން ނުކުމެ ސަރުކާރަށް ނުރުހުން ފާޅުކޮށް މުޒާހަރާކުރީ، ކޮވިޑް ފެތުރުން ހުއްޓުވުމުގެ ނަމުގައި ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އެކަމާހެދި ޗައިނާގެ އެތައް ސިޓީއަކާއި، އެތައް ޔުނިވަރސިޓީ ކެމްޕަސްތަކުގައި މަދަނީ ބަސްނޭހުމުގެ ހަރަކާތްތައް ފެނިގެން ގޮސްފައި ވެއެވެ.

ޝަންހާއީގައި މަގުތަކަށް ނުކުތް މީހުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއްވެސް ހިނގާފައި ވެއެވެ. އެކަމުގެ ތެރޭގައި ފުލުހުންވަނީ އާންމުންގެ އެތައް ބަޔަކު ހައްޔަރުކޮށް ބަސްތަކަށް ލައިގެން ގެންގޮސްފައެވެ.

ޗައިނާގައި އާންމުން މަގުތަކަށް ނުކުމެ މިގޮތަށް މުޒާހަރާ ކުރުމަކީ ވަރަށް ނާދިރު ހާލަތެއްގައި މެނުވީ ފެންނަ މަންޒަރެއް ނޫނެވެ. އަދި މިއީ، ޗައިނާގެ ރައީސްކަމަށް ޝީ ޖިންޕިން ވަޑައިގެންނެވިފަހުން އެގައުމުގައި ކުރެވުނު މިފަދަ ފުރަތަމަ މުޒާހަރާއެވެ.

މައްސަލަ ހޫނުވީ، ޗައިނާގެ ހުޅަނގުގެ ޝިންޖިއާންގެ އުރުމްކީ ސިޓީގެ އެޕާޓްމަންޓެއްގައި މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވުމާ ގުޅިގެންނެވެ.

ކޮވިޑް ހުއްޓުވުމުގެ ނަމުގައި އުރުމްކީގެ ބައެއް ސަރަހައްދުތައް އަދިވެސް އޮތީ ލޮކްޑައުންކޮށްފައެވެ.

އަލިފާނުގެ ހާދިސާގައި މީހުން ސަލާމަތް ކުރުމާއި، އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގައި ހުރަހަކަށް މެދުވެރިވީ ލޮކްޑައުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އާންމުން ރުޅިގަދަވީ އެހެންވެގެންނެވެ.

ހުކުރު ދުވަހު ފުރަތަމަ މަގުތަކަށް ނުކުތީ އުރުމްކީގެ ރައްޔިތުންނެވެ. އެއާއެކު، ވުހާންއާއި، ލަންޒޫއާއި، ޗައިނާގެ އެކި ކަންކޮޅުތަކުގެ ސިޓީތަކުގެ މަގުތަކަށް އާންމުން ނުކުމެ މުޒާހަރާ ކޮށްފައި ވެއެވެ.

މުޒާހަރާތަކުގެ ފޮޓޯތަކާއި، ވީޑިއޯތައް ސޯޝަލް މީޑިއާގައި ކޮންމެވެސް ވަރަކަށް ދައުރުވެފައި ވާއިރު، މުޒާހަރާތަކުގެ އެއްވެސް ޚަބަރެއް ޗައިނާގެ މީޑިއާއިން ރިޕޯޓް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އާންމުންނަށް އިލްތިމާސް ކޮށްފައިވަނީ ކޮވިޑް ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކުގެ މަތީގައި ދެމިތިބުމަށެވެ.