އެމެރިކާއިން ރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރުގެ ބައިލެޓްރަލް އެހީ ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މިއެހީ ފޯރުކޮށްދެނީ ރާއްޖެއާއި އެމެރިކާއާ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) ގެ ދަށުންނެވެ. އެ ޑީއޯއޭޖީއަށް 9 ވަނަ އިޞްލާޙު ގެނައުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ޑީއޯއޭޖީއަށް ނުވަވަނަ އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލެވެ. އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރު ގެބްރިއަލް ގްރާއުއެވެ.
ޑީއޯއޭޖީއަކީ 12 މާރިޗު 2019 ގައި ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތަރައްޤީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެކެވެ.
މިހާތަނަށް މިއެއްބަސްވުމަށް 8 އިސްލާހެއް ގެނެސްފައިވާއިރު، އެމެރިކާއިން ރާއްޖެއަށްވި ޖުމުލަ އެހީވަނީ 25.94 މިލިއަން ޑޮލަރަށް އަރާފައެވެ.
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ މާލިއްޔަތު ބެލެހެއްޓުމުގެ ފަންނީ ޤާބިލުކަން އިތުރު ކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެމެރިކާ ސަރުކާރުން ރާއްޖެއަށް އިތުރު 3 މިލިއަން ޑޮލަރު ގެނައުމަށް ނިންމާފައި ވެއެވެ.
ޑީއޯއޭޖީގެ ނުވަވަނަ އިޞްލާޙު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްވެރިންނާއި، ބިއުރޯ އޮފް އޭޝިއާގެ ޔޫއެސްއެއިޑްގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރގެ އިތުރުން ޔޫ.އެސް.އޭ.އައި.ޑީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.