ދިވެހި ބެޑްމިންޓަން ކުޅުންތެރިން ތަމްރީން ކުރުމަށް އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ (އަރްބާ) އިން މެލޭޝިއާއަށް ދާން ނިންމައިފިއެވެ.

ރާއްޖޭގެ ބެޑްމިންޓަން ޗެމްޕިއަނުންގެ ތެރޭގައި ހިމެނޭ އައިޝަތު އަފްނާން ރަޝީދު މިކުޅިވަރުގެ ތަރައްގީއަށް ކުރާ މަސައްކަތުގެ ތެރެއިން، އޭނާގެ އެކަޑެމީގެ 12 ދަރިވަރަކަށް ހޯދައިދިން މިފުރުސަތަކީ މަތީ ފެންވަރުގެ ތަމްރީނެއް ހެދުމަށް ފަހިކޮށްދިން ފުރުސަތެކެވެ.

މިތަމްރީން ފުރިހަމަކުރުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ނިއު ވިޝަން ބެޑްމިންޓަން އެކެޑަމީ ކޮމްޕްލެކްސްގައެވެ.

15 ދުވަހުގެ މިތަމްރީނަށް އަރްބާގެ އޮފިޝަލުންނާއި ދަރިވަރުން ފުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިތަމްރީނާއި ގުޅޭގޮތުން، "ވީނިއުސް" އަ ވާހަކަ ދައްކަމުން، އަފްނާން ބުނީ، ހަގީގަތުގައި މިދަތުރުގެ ބޭނުމަކީ އަރްބާގައިތިބި ކުޅުންތެރިން ކުރިއަށް ހުރި، ގައުމީ މުބާރާތްތަކަށް ތައްޔާރުކުރުމުގެ ގޮތުން، މަތީ ފެންވަރުގެ ތަމްރީންތައް ދިނުން ކަމަށެވެ.

މިތަމްރީންތަކުގެ ފައިދާ އެކުދިންގެ ސްކޫލްތަކުގައި ބާއްވާ އިންޓަ ހައުސް މުބާރާތްތަކާއި އިންޓަ ސްކޫލް މުބާރާތްތަކުގައި ވެސް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުނެއެވެ.

އަފްނާން ރަޝީދް ބެޑްމިންޓަން އެކެޑަމީ (އަރްބާ)ގެ ތަމްރީނެއްގެ ތެރެއިން --- ފޮޓޯ: ޒިދާން/ ވީނިއުސް

މެލޭޝިއާގެ ނިއު ވިޝަން ބެޑްމިންޓަން އެކެޑަމީއަކީ ސަރަހައްދީ ގޮތުން ބަލާނަމަ ފެންވަރުހުރި އެކަޑެމީއެއް ކަމަށާއި އެއެކަޑެމީގައި ކުދިން ތަމްރީންކުރަން ލިބުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަން އޭނާ ފާހަގަކުރިއެވެ.

މިގެއިތުރުން، އަފްނާން ބުނީ، މިދަތުރުގައި ކުދިން ގިނަ ވަގުތު ހޭދަކުރާނީ ތަމްރީނަށް ފޯކަސްކޮށްގެން އެކަމުގައި ކަމަށްވާތީ، ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ކުރިއަތް އޮތް ތަނުގައިވެސް ދިވެހި ކުޅުންތެރިންނަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމަކީ އަރްބާގެ އަމާޒެއް ކަމަށް އަފްނާން ބުންޏެވެ.

ބެޑްމިންޓަނުން މަތީ ފެންވަރުގެ ކުޅުންތެރިން އުފައްދައި، ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ރަން ވަނަތަކެއް ހާސިލްކުރުމުގެ މަގުސަދުގައި 2021 ވަނަ އަހަރު ވުޖޫދުކުރި އަރްބާއިން އަންނަނީ 180 ކުދިންނަށް މިކުޅިވަރުގެ ތަމްރީން ދެމުންނެވެ. އަދި އެކަޑެމީ ފެންވަރުގެ މުބާރާތްތައް ވެސް ބާއްވަމުންނެވެ.

އަރްބާއިން ތަމްރީންދޭ ކުދިންގެ ތެރޭގައި އެއްވެސް ތަފާތުކުރުމެއް ނެތި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ވެސް ބައިވެރިކުރާކަން ފާހަގަކޮށްލަމެވެ.