ބުރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާ އިބްނި އުމަރު އަލީ ސައިފުއްދީން މިއަދުވަނީ ޚާއްސަ ދަތުރުފުޅެއްގައި މެލޭޝިޔާއަށް ވަޑައިގެންފައެވެ. ބުރޫނާއީގެ ރަސްގެފާނު ދަތުރުކުރެއްވި މަތިންދާ ބޯޓު، މެލޭޝިޔާ ގަޑިން ހެނދުނު 11:40 ގައި ޖެއްސީ ސުބަންގްގެ މެލޭޝިޔާގެ ރޯޔަލް މެލޭޝިއަން އެއަރ ފޯސް ބޭސްގައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއާއި، ސަރުކާރުގެ އިސް ބޭފުޅުން ބުރޫނާއީގެ ރަސްގެފާނަށާއި ވަފުދަށް މަރްހަބާ ދެންނެވުމަށް އެއަރ ބޭސްއަށް ވަޑައިގެން ތިއްބެވިއެވެ.

ބްރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާ (ކ) މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރުއާއެކު ކާރަށް އަރާވަޑައިގަތުމަށް ވަޑައިގަންނަވަނީ:

ބުރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާގެ ޝަރަފްގައި އެއަރޕޯޓްގައި ބޭއްވި ގާރޑް އޮފް އޮނަރ އިންސްޕެކްޓް ކޮށްދެއްވުމަށްފަހު ބުރޫނާއީގެ ރަސްގެފާނާއި ވަފުދު ވަޑައިގެންނެވީ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ކޮޅަށެވެ.

އެކަމަކު، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްއަށް ލިބިވަޑައިގެންނެވި ސަޕްރައިޒަކީ، ކާރުކޮޅު އެއަރޕޯޓުން ކާރު ދުއްވަން އަރާވަޑައިގަތީ ބުރޫނާއީގެ ރަސްގެފާނު ކަމުންނެވެ.

ބުރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާއާއި، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް ދަތުރުކުރެއްވި ބީއެމްޑަބްލިޔު ކާރުކޮޅު، ރޯޔަލް މެލޭޝިއަން އެއަރ ފޯސް ބޭސްއިން ބޮޑުވަޒީރުގެ އޮފީހާ ހަމައަށް ދުއްވެވީ ބުރޫނާއީގެ ރަސްގެފާނެވެ. މިއީ، 41 ކިލޯމީޓަރުގެ ރާސްތާއެކެވެ.

ބުރޫނާއީގެ ރަސްގެފާނު ކާރުކޮޅު ދުއްވަން ޑްރައިވަރުގެ ސީޓަށް އަރާވަޑައިގަތުމުން ބޮޑުވަޒީރު އަންވަރު އިބްރާހިމް އަރާވަޑައިގެންނެވީ ކާރުކޮޅުގެ ކުރީގައި ހުންނަ ފަސިންޖަރ ސީޓަށެވެ. ކާރުކޮޅުގެ ފަހަތު ސީޓަށް އަރާވަޑައިގެންނެވީ، ބުރޫނާއީގެ ރަސްގެފާނު އަރިހުގައި ވަޑައިގެންނެވި ދަރިކަލުން ޕްރިންސް އަބްދުލް މަތީން ބުލްކިއާއެވެ.

އެބޭފުޅުން ދަތުރުކުރެއްވި ކާރުކޮޅު އެއަރޕޯޓުން ބޮޑުވަޒީރުގެ އޮފީހާ ހަމައަށް ދަތުރުކުރި އިރު، ސެކިއުރިޓީ ވެހިކަލްތައް ވަށައިގެން ދަތުރުކުރިއެވެ.

މިއީ، މެލޭޝިޔާގެ ބޮޑުވަޒީރުކަމާ މިދިޔަ ބުރާސްފަތި ދުވަހު އަންވަރު އިބްރާހިމް ހަވާލުވެވަޑައި ގެންނެވިފަހުން ބޭރު ގައުމަކުން މެލޭޝިޔާއަށް ވަޑައިގެންނެވި އެންމެ ފުރަތަމަ އިއްޒަތްތެރިޔާއެވެ. އަދި އަންވަރު އިބްރާހިމް ބޮޑުވަޒީރުކަމަށް ވަޑައިގެންނެވިފަހުން ބުރޫނާއީގެ ރަސްގެފާނާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ.

ބުރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާ އެންމެފަހުން މެލޭޝިޔާއަށް ވަޑައިގެންފައިވަނީ 2019 ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ.

މެލޭޝިޔާއާއި، ބްރޫނާއީއާ ދެމެދު ގާތް އެކުވެރި ގުޅުމެއް އޮންނައިރު، ބްރޫނާއީއަކީ މެލޭޝިޔާގެ ވިޔަފާރީގެ މުހިންމު ބައިވެރިއެއްވެސް މެއެވެ.

އުމުރުފުޅުން މިހާރު 76 އަހަރުވެފައިވާ ބުރޫނާއީގެ ރަސްގެފާނު ހަސަނަލް ބުލްކިއާ ހިމެނިވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދި މަހުޖަނުންގެ ތެރޭގައެވެ. ހަސަނަލް ބުލްކިއާއަކީ 1980 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އެންމެ މުއްސަނދިމީހާއެވެ.