ޤަތަރު ވޯލްޑް ކަޕް | 28 ނޮވެމްބަރު 2022 | ގުރޫޕް އެޗް ގެ 3 ވަނަ މެޗު: ކޮރެއާ އަދި ޣާނާ

ޤަތަރުގެ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމްގައި ވޯލްޑް ކަޕް 2022 ގެ ގުރޫޕް އެޗްގައި ދެކުނު ކޮރެއާ އާއި ގާނާ ކުރިމަތިލި މެޗު 3-2 ގެ ނަތީޖާއަކުން ގާނާ ކާމިޔާބުކޮށްފިއެވެ. މިނަތީޖާއާއެކު ގާނާއަށް މިވަނީ ގަދަ 16 އަށް ދިއުމުގެ އުންމީދު އާވެފައެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މިމެޗުގައި ފުރަތަމަ ފެނުނީ ދެކުނު ކޮރެއާއިން ބޯޅަ ހިފަހައްޓައިގެން ކުޅުނުތަނެވެ. އެކަމަކު ގާނާއިން ވަނީ ކުޅުން ރަނގަޅުކޮށް އުފެއްދި ދެ ހަމަލާއެއް ކާމިޔާބުކޮށް ދެލަނޑު ޖަހާފައެވެ. އެގޮތުން އެޓީމުން ޖެހި ފުރަތަމަ ލަނޑަކީ 24 ވަނަ މިނިޓުގައި މުޙައްމަދު ސަލިސޫ ޖެހި ލަނޑެކެވެ. އެޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ އޭގެ އިރުކޮޅެއް ފަހުން މުޙައްމަދު ކޫޑޫސްއެވެ.

ފުރަތަމަ ހާފު ނިމުނީ ކޮރެއާއަށް ލަނޑެއް ނުޖެހި ދެލަނޑުގެ ފަރަގަކުން ގާނާ ކުރީގައި އޮވެގެންނެވެ.

ގުރޫޕް އެޗް ގެ ތިން ވަނަ މެޗުގެ ތެރެއިން --- ފޮޓޯ: ސްކައި ސްޕޯޓްސް

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ދެކުނު ކޮރެއާއިން ގޯލް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ފުލުފުލުގައި ގާނާގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް ފޮނުވުމުގެ ނަތީޖާއަކަށްވީ ކައިރި ކައިރީގައި އެޓީމުގެ ޗޯ ހޫ ސަންގް ހިތްގައިމު ދެލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމެވެ.

ނަމަވެސް، މެޗުގެ 68 ވަނަ މިނިޓުގައި ގާނާއިން ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިލަނޑަށް ފަހު، ދެޓީމުންވެސް އިތުރު ލަނޑެއް ޖެހުމަށް ފުރުސަތުތަކެއް ފަހިކުރިއެވެ. އެކަމަކު އެފުރުސަތުތައް ބޭކާރުވެ، މެޗު ނިމުނީ ނަތީޖާއަށް ބަދަލެއް ނައިސްއެވެ.

މިދެޓީމަށް ވެސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެއެވެ.