ޤަތަރު ވޯލްޑް ކަޕް | 28 ނޮވެމްބަރު 2022 | ގުރޫޕް ޖީ ގެ 4 ވަނަ މެޗު: ބްރެޒިލް އަދި ސްވިޒަލެންޑް
ފީފާ ވޯލްޑް ކަޕް 2022 ގައި ސްވިޒަލެންޑާއި ކުރިމަތިލައި ހޯމަ ދުވަހުގެ ރޭ ހޯދި ކާމިޔާބީއާއެކު ބްރެޒިލް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
އޯޕެނިންގ މެޗުގައި ސާބިއާ 2-0 ގެ ނަތީޖާއަކުން ސާބިއާ ބަލިކުރި ބްރެޒިލުން މިމެޗަށް ނުކުތީ ދެވަނަ ބުރަށް ދެވޭނެ ކަމުގެ އުންމީދާއެކުއެވެ. އެޓީމުގެ ސަޕޯޓަރުންވެސް ތިބީ މެޗުން މޮޅުވާނެ ކަމަށް ނިކަން ޔަގީންކަމާ އެކުގައެވެ. މިމެޗުން މޮޅުވިނަމަ ސްވިޒަލެންޑަށްވެސް ދެވަނަ ބުރު ކަށަވަރުވީހެވެ. އެޓީމުން ވަނީ އޯޕެނިންގ މެޗުގައި ކެމަރޫން ބަލިކޮށް 3 ޕޮއިންޓް ހޯދާފައެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު ގުރޫޕް ޖީގެ 4 ވަނަ މެޗު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ބްރެޒިލް މިމެޗުން މޮޅުވީ އެއްލަނޑު ސުންލަނޑުންނެވެ..
މިމެޗުގައި މޮޅު ކުޅުމެއް ފެނުނީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބްރެޒިލްއެވެ. ގަދަފަދަ ބްރެޒިލުން ބޯޅަ ހިފަހައްޓައިގެން ގިނައިރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލްއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފުގައި ބްރެޒިލުން ސްވިޒަލެންޑްގެ ގޯލަށް ނުރައްކާކުރަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލީ ޑިފެންސިވް ގޭމެއް ކުޅުނު ސްވިޒަލެންޑްގެ ޑިފެންޑަރުން ގެ ތަފާތު ކުޅުމުންނެވެ.
އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފު ނިމުނު މިމެޗުގައި ދެވަނަ ހާފުގެ ކުރީކޮޅު ބްރެޒިލުން ފުލުފުލުގައި ސްވިޒަލެންޑުގެ ގޯލަށް ނުރައްކާކުރިއެވެ. ނަތީޖާއަކަށްވީ 66 ވަނަ މިނިޓުގައި އެޓީމުގެ ވިނީޝިއަސް ފޮނުވާލި ހަމަލާއެއް ގޯލަށް ވަނުމެވެ. އެއީ ގޯލެއް ކަަމަށް ބަލައި ސްޕޯޓަރުންނާއި ކުޅުންތެރިން އުފާފާޅުކުރި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ކަނޑައަޅާފައެވެ.
މިމެޗުގައި ބްރެޒިލުން ޖެހި ސައްހަ ލަނޑަކީ މެޗު ގެ 83 ވަނަ މިނިޓު ގައި ކެސަމީރޯ ޖެހި ލަނޑެކެވެ.
މިމެޗުގައި ބްރެޒިލްގެ ސްކޮޑްގައި ހިމެނޭ ޕީއެސްޖީގެ ތަރި ނޭމާ ނުކުޅޭކަން ފާހަގަކޮށްލަމެވެ. އޭނާ މެޗަށް ނޭރީ ސާބިއާއާ އެކު ކުޅުނު މެޗު ގައި ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ.
މި މޮޅާއެކު ބްރެޒިލް ވަނީ ފްރާންސަށް ފަހު މިމުބާރާތުގެ ދެވަނަ ބުރުން ޖާގައެއް ކަށަވަރުކުރި ޓީމަށް ވެފައެވެ. މިމެޗުން ބަލިވި ނަމަވެސް ސްވިޒަލެންޑަށް ދެން އޮތް މެޗުން މޮޅުވެގެން ދެވަނަ ބުރަށް ދެވިދާނެއެވެ.