ޤަތަރު ވޯލްޑް ކަޕް | 28 ނޮވެމްބަރު 2022 | ގުރޫޕް އެޗް ގެ 4 ވަނަ މެޗު: ޕޯޗުގަލް އަދި އުރުގުއޭ

ޕޯޗުގަލް އާއި އުރުގުއޭގެ ކުރިމަތިލުމުގައި ޕޯޗުގަލް ކުރި ހޯދައި ވޯލްޑް ކަޕް 2022 ގައި ދެވަނަ ބުރު ޔަގީންކުރި 3 ވަނަ ޓީމަކަށް ވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މިމެޗުގައި ޕޯޗުގަލުން ދެލަނޑު ޖެހިއިރު މިދެލަނޑުވެސް އެޓީމަށް ޖަހައިދިނީ ބްރޫނޯ ފެރްނާންޑޭޒްއެވެ.

އުރުގުއޭއަށް މިމެޗުގައި ލަނޑެއް ނުޖެހުނެވެ.

މިމެޗުގައި ބްރޫނޯ ޖެހި ދެވަނަ ލަނޑަކީ ޕެނަލްޓީއެއް ކާމިޔާބުކޮށް ޖެހި ލަނޑެކެވެ. ބްރޫނޯ ފުރަތަމަ ލަނޑު ޖެހި ބޯޅައިގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ބޮލުގައި ޖެހުނު ކަމަށް ބަލައި އޭނާ ވަނީ ސެލެބްރޭޓްވެސް ކޮށްފައެވެ. އެކަމަކު ފީފާއިން ނިންމީ ބްރޫނޯ ޖެހި ބޯޅައިގައި ރޮނާލްޑޯގެ ބޯ ނުޖެހޭ ކަމަށެވެ.

މިމެޗުގެ ފުރަތަމަ ހާފުން ފެށިގެން ވެސް ފެނުނީ ޕޯޗުގަލުން އުރުގުއޭގެ ގޯލަށް ނުރައްކާކުރަން އެޓޭކިން ގޭމެއް ކުޅުނު ތަނެވެ. ގޯލަށް ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރި ނަމަވެސް ފުރަތަމަ ހާފުގައި އެފުރުސަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުކުރެވުނެވެ. ގޯލަށް އަމާޒު ނުވެ، އެފުރުސަތުތުައް ވީ ބޭކާރެވެ. މިހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުނެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެ ވަނަ ހާފުގައި ޕޯޗުގަލުން އުރުގުއޭގެ ގޯލަށް ނުރައްކާކުރި މިންވަރު އިތުރެވެ. އުރުގުއޭއަށް ޖެހުނީ ޑިފެންސިވް ގޭމެއް ކުޅޭށެވެ. މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި ޕޯޗުގަލްއަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒްއެވެ. މިހާފުގައި އުރުގުއޭއަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގައި ޕޯޗުގަލްއިން ލީޑު ފުޅާކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތު ހިނގަމުން ދަނިކޮށެވެ. މިއީ ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑެކެވެ. މިޕެނަލްޓީ އެޓީމަށް ލިބުނީ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ދަނޑުން ބާލައި ބަދަލު ކުޅުންތެރިޔަކު އެރުވި ފަހުންނެވެ.

މިމެޗަށް ފަހު ބްރޫނޯ ބުނީ އުރުގުއޭ އަތުން 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ހީކުރެވުނު ކަމަށެވެ.

"އަހަރެން އުފާ ފާޅުކުރީ އެއީ ކްރިސްޓިއާނޯގެ ގޯލެއް ކަމަށް ދެކިގެން، އަހަރެންނަށް ހީވީ އޭނާ ބޯޅައިގައި ބޯ ޖެއްސިހެން، އަހަރެންގެ އަމާޒަކަށް ވީ އޭނާ އަށް ބޯޅަ ހުރަސްކުރުން،" ފެނާންޑޭޒް ބުންޏެވެ.