އިންޑިއާއަށް ރާއްޖެއިން ކަނޑައެޅި އައު ސަފީރު އިބްރާހިމް ޝަހީބް އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫއަށް މިއަދު ސަފީރު ކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މާލެ ސީޓީއަށް ނިސްބަތްވާ ޝަހީބް އެމަގާމަށް އައްޔަންކުރީ އޮކްޓޫބަރ މަހު 10 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ބޫޓާން، ނޭޕާލް އަދި އަޒަރުބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށްވެސް ޝަހީބު ޢައްޔަނުކުރައްވާފައެވެ.

ރާއްޖެއިން އިންޑިއާއަށް ކަނޑައެޅުއްވި އައު ސަފީރު، އެމަނިކުފާނުގެ ސަފީރު ކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވާފައިވަނީ އިންޑިއާގެ ރައީސްގެ ރަސްމީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތަށްފަހު އިންޑިއާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސަފީރު ޝަހީބު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އިންޑިޔާގެ ރައީސަށާއި، ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ.

ދިވެހި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް އިންޑިޔާއިން ލިބެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާ ސަރުކާރާއި ރައްޔިތުންނާއެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ސަފީރަށް ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދަށުން، އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.

ޝަހީބްގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އެރުވުމުން ތަހުނިޔާ ދަންނަވާ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އޭނާ މަގާމަށް އައްޔަންކުރުމާ އެކު ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ބަދަހިގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް އެންޑް ޕޮލިސީގައި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން މާސްޓާސް ހާސިލްކުރެއްވި ޝަހީބު ވަނީ މީގެ ކުރިން ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އާއި ޕާމަނަންޓް ސެކްރެޓަރީގެ އިތުރުން، ޗީފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވައިފައެވެ.