ހުޅުމާލޭގައި ދިރިއުޅޭ އާބާދީ އިތުރުވެ ވިޔަފާރިތައް ގިނަވަމުން ދާއިރު މިކަމަށް ބޭނުންވާނެ އިތުރު ވަސީލަތްތައް ޤާއިމު ކުރުމަށް ކަނޑައެޅިފައިވާ އިންޑަސްޓްރިއަލް ޒޯންގެ މިހާރު ކަނޑައެޅިފައިވާ އިމާރާތް ކުރުމުގެ އުސްމިނަށް ބަދަލު ގެނައުމަށް ހައުސިންގް ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމައިފިއެވެ.
މިގޮތުން ކުރިން 6 ފްލޯއަށް އިމާރާތް ކުރެވޭ ގޮތަށް ހުއްދަ ދެވިފައިވާއިރު އިތުރު 2 ފްލޯއަށް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ބުނީ، މި ބަދަލު ގެނައުމެގެ އެއްމެ ބޮޑު އެއް ބޭނުމަކީ އިންޑަސްޓްރިއަލް ސަރަހައްދައް ބޮޑުވެފައިވާ ޑިމާންޑްއަށް ހައްލެއް ހޯދައިދިނުމާއި ހުޅުމާލޭގައި ހިންގޭ ވިޔަފާރިތަކަށް ގިނަ ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުން ކަމަށާއި އިންޑަސްޓްރިއަލް ބޭނުންތަކަށް ހުޅުމާލޭގައި ކަނޑައެޅިފައިވާ ފްލޯ ސްޕޭސް އިތުރުކުރުން ކަމަށެވެ.
މި ބަދަލާއި އެކު މިހާރު އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ޙިދުމަތް ހޯދާއި ޙިދުމަތް ދެމުން ގެންދާ ފަރާތްތަކަށް ވިޔަފާރި ފުޅާކުރަން ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެއެވެ.
އެޗްޑީސީން ގެންދަނީ ރައްޔިތުން އެދޭ ކަންކަން ގާތުން ބަލައި އެކަންތަތްތަކަށް އަވަސް ހައްލު ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއްކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.