ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އުފާވެރި އާއިލާއެއް ބިނާކުރުމުގައި އޮތް ހުރަސްތައް ނައްތާލުމަށް ކަމުގައި ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ގެވެށި ގުޅުން ކެންޕެއިންގެ ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، ސާސްތުރަ މަޖައްލާގެ އޯޑިއޯ ވަރޝަން އަދި އައު ވީޑިއޯ ލަވަ އިފްތިތާޙްކުރުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިޖަލްސާގައި ކުޑަކުދިންގެ ވާހަކަފޮތް ސީރީޒް، އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ނައިބު ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތަކަކީ އަބަދުވެސް މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް މިސަރުކާރު އައުމާއިއެކު މަސައްކަތް ފެށިފައި ވަނީ ގެވެށި ގުޅުން ބަދަހިކޮށް އުފާވެރި ޢާއިލާއެއް ބިނާކުރެވޭނެ މަގު ފަހިކޮށްދެއްވުމަށް ކަމަށެވެ.
މިގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، އުފާވެރި ޢާއިލާއެއް ބިނާކޮށް މުޖުތަމަޢުގައި ހަމަޖެހުން ޤާއިމްކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. މިގޮތުން ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި، 6 މަސްދުވަހުގެ މެޓާރނިޓީ ލީވް މަންމައަށް އަދި އެއްމަސް ދުވަހުގެ ޕެޓާނިޓީލީވް ބައްޕައަށް ހަމަޖައްސައިދީ، އަދި މަސައްކަތު މާހައުލުގައި ދަރިންނާއިއެކު މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުޑަކުދިންގެ ޅަފަތުގެ ތަރުބިއްޔަތާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުޑަކުދިން އެންމެ ގިނަވަގުތު ހޭދަކުރަނީ ގޭގައި އެކުދިންގެ ޢާއިލާތަކާއިއެކުގައި ކަމަށްވުމާއިއެކު ގޭތެރެއިން ފެންނަ ރަނގަޅުކަންކަމާއި ނުރަނގަޅު ކަންކަމުގެ އަސަރު ކުޑަކުދިންނަށް ކުރާ ކަމަށެވެ.
އެހެންކަމުން މައިންބަފައިންނާއި މުޖުތަމަޢުގެ ތެރެއިން ކުޑަކުދިންނަށް ރަނގަޅު ނަމޫނާއެއް ދެއްކުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ. އަދި ކުރެވޭ ކެމްޕޭންތަކުންނާއި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އެންމެން ގުޅިގެން މަސައްކަތްކޮށްގެންކަން ފާހަގަކުރައްވައި، މިކަމުގައި މުޅި މުޖުމަޢުގެ އެންމެން ބައިވެރިވުމަށް ގޮވާލެއްވިއެވެ.
ގެވެށިގުޅުން ކެންޕެއިން، ފަށާފައި ވަނީ، 15 ޖުލައި 2020ގައެވެ. މިކެމްޕެއިންގެ ތެރެއިން އާއްމުން ހޭލުންތެރި ކުރުމަށް ގިނަ ހަރަކާތްތަކެއް މިފާއިތުވި ދެއަހަރުގެ ތެރޭގައި ވަނީ ހިންގާފައެވެ.