ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި މަތީ ތައުލީމް ފޯރުކޮށްދޭ އެންމެ ބޮޑެތި މަރުކަޒުތަކުގެ ތެރޭގައި ހިމެނޭ ވިލާ ކޮލެޖްގެ 2023 ވަނަ އަހަރުގެ ޖެނުއަރީ އިންޓޭކްގައި ފެށުމަަށް ހަމަޖެހިފައިވާ އައު ކޯސްތަކެއް ލޯންޗުކޮށްފިއެވެ.

މިކޯސްތައް ލޯންޗުކުރީ ހޯމަ ދުވަހު އެކޮލެޖުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާއެއްގައެވެ.

މިގޮތުން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ، ބީއޭ އިން ހެލްތު ސާވިސަސް މެނޭޖްމަންޓް، ސެޓްފިކެޓް ލެވެލް 3 އިން ގްރެފިކްސް ޑިޒައިނިންގ، އެމްއެސްސީ އިން ޕްރޮޖެކްޓް މެނޭޖްމަންޓް، ބެޗްލާރ އޮފް އާޓްސް އިން ބިޒްނަސް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް އަދި މާސްޓަރ އޮފް ސައިންސް އިން ކައުންސެލިންއެވެ.

މީގެ ކުރިން، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮލެޖުން ވަނީ އަންނަ ޖެނުއަރީ މަހު ވިލާ ކޮލެޖުން 139 ކޯހެއް ފަށަން ނިންމައި، އެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިކަން އިޢުލާންކޮށްފައެވެ.

މިކަމަށްޓަކައި ވިލާ ކޮލެޖުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބް ވަނީ ޖެނުއަރީ އިންޓޭކްގެ ކޯސްތައް ތައާރަފުކޮށްދީފައެވެ.

މި ގޮތުން، ތަފާތު ދާއިރާތަކުން އެކި ސަނަދުތަކުގެ 139 ކޯހެއް ހިމެނޭކަން ޑރ. އަލީ ނަޖީބް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިކޮނޮމިކްސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، އޭވިއޭޝަން މެނޭޖްމަންޓް، ހިއުމަން ރިސޯސް، އެކައުންޓިންގ، ޕަބްލިކް ހެލްތް، ރިސާރޗް އަދި މެރިން ސްޓަޑީސް، ގްރެފިކްސް ޑިޒައިނިން، ނާސިން، އިންޖިނިއަރިން އަދި އިތުރު ގިނަ ދާއިރާތަކުން ކޯސްތައް ހިމެނެއެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 16 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 38 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 29 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 16 ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު އޭސީސީއޭގެ ނޮލެޖް ލެވެލް، ސްކިލް ލެވެލް، އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ހާއްސަ އޭސީސީއޭ އެކްސަލެރޭޓް އިނގިރޭސި ވިލާތުގެ އޮސްފޯޑް ބްރުކުސް ޔުނިވާސިޓީގެ ބީއެސްސީ (އޮނާސް) އިން އެޕްއިޑް އެކައުންޓިިން ކޯހަށް ވަނުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ބެޗެލަރސް ޑިގްރީ ކޯސްތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ)، ވިލާ ކޮލެޖް ލ.ގަން ކެމްޕަސް އަދި ވިލާ ކޮލެޖު މަހިބަދޫ ކެމްޕަހުގައިވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

ކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 16 ޑިސެމްބަރު 2022އެވެ.

ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމްވެސް ސެޕްޓެމްބަރ 2017 އިން ފެށިގެން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.