ފުލުހުންގެ މުއައްސަސާގެ ނަން ކިލަނބު ނުވާނޭހެން ފުލުހުންގެ ވާޖިބުއަދާކުރުމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް އެދިވަޑައިގެންފިއެވެ.
އަހުމަދު މުސްލިމް މިކަމަށް އެދިވަޑައިގަތީ ދ.ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިޔަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގެ 44 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމް ވަނީ ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން، އޯގާތެރިކަމާއެކު ފޯރުކޮށްދިނުމަށާއި، ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ގޮތުގެމަތިން އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެދިވަޑައިގެންފައެވެ.
އަދި މުއައްސަސާއަށް ރައްޔިތުން ކުރަމުންއަންނަ އިތުބާރު ނުގެއްލޭގޮތަށް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް ކޯހުގެ ބައިވެރިންގެ ކިބައިން އެދިލެއްވިއެވެ.
އޮކްޓޯބަރ 24 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި 27 ފުލުހުން ބައިވެރިވިއިރު ސްޕެޝަލް އޮޕަރޭޝަން ޑިޕާޓްމަންޓުގެ 14 ފުލުހުންނާއި، ޑްރަގް އެންފޯސްމަންޓުގެ ދެ ފުލުހުންނާއި، ހުޅުމާލެ ޕޮލިސް، ގަލޮޅު ޕޮލިސް، މާފަންނު ޕޮލިސް، ވިލިމާލެ ޕޮލިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑު ހިމެނޭގޮތަށް 11 ފުލުހުން ބައިވެރިވިއެވެ.
މި ކޯހުގައި ބައިވެރިވި ފުލުހުންގެ ތެރޭގައި ކޮމިޝަންޑް އޮފިސަރ ރޭންކުގެ ތިން ފުލުހުންވެސް ހިމެނެއެވެ.
ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯހުގައި ފުލުހުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާ ބެހޭގޮތުންނާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ކިޔަވައިދީފައިވެއެވެ. އަދި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްވާ އެއްވުންތައް ރޫޅާލުމުގެ ހުނަރުތަށް އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ދަސްކޮށްދީފައިވެއެވެ. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވާ ހާލަތްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމުގައި ބޭނުންކުރާ އުކުޅުތައް ކިޔަވައިދީފައިވެއެވެ.
އޭގެ އިތުުރުން، ފުލުހުން ބޭނުންކުރާ ލެސް ލީތަލް ހަތިޔާރު ބޭނުންކުރާނެގޮތުގެ އުކުޅުތައް ދަސްކޮށްދީފައިވެއެވެ. މި ޓްރެއިނިންގެ ތެރެއިން ސިނާރިއޯ އެކްސަސައިޒްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެގޮތުން، މިތަމްރީނުގެ މުއްދަތުގައި ދަރިވަރުން އުނގެނުނު އެންމެހައި އުކުޅުތައް އަމަލީ މައިދާނުގައި ބޭނުންކުރާ ގޮތް ބަލައި ވަޒަންކުރުމަށް 48 ގަޑިއިރުގެ ސިމިއުލޭޝަން އެކްސަސައިޒްތަކެއް ވާނީ ޕޮލިސް ޓްރެއިނިންގ ސެންޓަރު އަދި ދ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ކޯހުގެ މުދައްރިބުންނަކީ ފުލުހުންގެ ތަޖުރިބާ ލިބިފައިވާ ގާބިލު މުދައްރިބުންނެވެ.
އެ ރަސްމިއްޔާތުގައި ދ. އަތޮޅު ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުޒީނާ ޔޫސުފް، ދ. ވާނީ ޓްރެއިނިންގ ސެންޓަރުގެ ފެސިލިޓީ މެނޭޖަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ލަތީފް އާއި ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.