119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
މިކަމާގުޅިގެން ޕްރޮސެކުއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، 119 ކިލޯ މަސްތުވާތަކެތި ޓްރެފިކްކުރި މައްސަލައިގައި ގދ. ހޯނޑެއްދޫ, އަލޯރާ އަޙްމަދު މުޖާހިދު އަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކޮށްފައިވާ ކަމަށެވެ.
އަދި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައިވަނީކޮށް, މިމަހުގެ 23 ވަނަ ދުވަހު ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެއެވެ.
އަހުމަދު މުޖާހިދުގެ އިތުރުން މަސްތުވާތަކެތީގެ އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ގދ. ހޯނޑެއްދޫ، ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާނެވެ.
ފުލުހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ފުރަތަމަ މަސްތުވާތަކެތީ ހޯދީ މާލޭގެ ބުރުމަގުން ދުއްވާފައި ދިޔަ ކާރެއް ހުއްޓުވުމަށްފަހުއެެވެ. އެ ތަނުން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި ދެ މީހުން ހައްޔަރުކޮށް ޓެކްސީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ވަނީ ފެނިފައެވެ.
ފުލުހުން މީގެ ކުރިން ބުނި ގޮތުގައި އެ މަސްތުވާތަކެއްޗަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ފަތިހު "ބަންގާ" ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް އެތެރެކޮށްފައިވާ ތަކެއްޗެވެ. އެކަމުގައި އުޅުނީ އަލީ ޒުބައިރު އާއި އަކްރަމް އަބްދުލް ހަންނާން އާއި އަހުމަދު މުޖާހިދު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މީހުންނާ ގުޅުންހުރި ކާރަކުން މަސްތުވާތަކެތި ހުރި 86 ރަބަރު ޕެކެޓާއި ސައިކަލެއްގެ މަޑިދަށުން ފަސް ރަބަރު ޕެކެޓު ހޯދުނު ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.