ރާއްޖޭގައި ޓޯނިވަލްގެ ޙަރަކާތެއް ބޭއްވުމަށް ނިންމައި އެ ހަރަކާތް އިފްތިތާހުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޙާއްޞަ ހަފްލާއެއްގައި މި ޙަރަކާތް އިފްތިތާޙްކޮށްދެއްވީ ޓޯނިވަލް އިންތިޒާމުކުރާ އިންޑިއާގެ ކުންފުނި އެނިޔެލްފް އެންޓަޓެއިންމެންޓްސް އާއި ރާއްޖޭގެ ފިލްމް އެސޯސިއޭޝަނުގެ އިސްބޭފުޅުންނެވެ.

މިހަރަކާތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޓޯނިވަލްގެ އެއް ބާނީ މުޙައްމަދު ޒާކިރު ޙުޞައިންވަނީ ސަޤާފީގޮތުން ރާއްޖެއާއި އިންޑިއާއި ހުރި ގުޅުން ފާހަގަކުރައްވާފައެވެ. އަދި ޓޯނިވަލްގެ ހަރަކާތްތައް ރާވައި ކުރިއަށްގެންދަނީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތްގުޅުމުގެ ތެރެއިންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ޙަރަކާތަކީ މި ދެޤައުމުގެ ފިލްމީތަރިން ބައިވެރިވެގެން ރާއްޖޭގައި ކުރިއަށްގެންދާ ބައިނަލްއަޤުވާމީ މިފަދަ ފުރަތަމަ ޙަރަކާތްކަންވެސް ޒާކިރުވަނީ ފާހަގަކުރައްވާފައެވެ.

"މި ޙަރަކާތުގެ ތެރެއިން އިންޑިއާގެ ފިލްމީތަރިން ރާއްޖޭގެ ޙަރަކާތްތެރިވާނެ. އަދި މި ޙަރަކާތުގެ ތެރެއިން ފްޓްބޯޅަ މެޗްތައްވެސް ކުރިއަށްދާނެ. މި ޙަރަކާތް އިތުރަށް ކުލަގަދަކުރުމަށް ލައިވް ކޮންސެޓްތައްވެސް ކުރިއަށްދާނެ. "
ޒާކިރު

ޒާކިރު ވިދާޅުވީ ޓޯނިވަލްގެ ތެރެއިން ތަޢުލީމާއި ސިއްޙީ އަދި މުނިފޫހިފިލުވުމުގެ ދާއިރާއިން މީހުން ބައިވެރިވާ އެކްސްޕޯއެއްވެސް ކުރިއަށް ގެންދާނެކަމަށެވެ. މި އެކްސްޕޯގައި ނިއުދިއްލީ ބެންގަލޯ މުމްބާއީފަދަ ސިޓީތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ބައިވެރިވެ އެމީހުންގެ ސިއްޙީ ޕެކޭޖުތައް ދައްކާލުމަށް ހަމަޖެހިފައިވާކަމަށްވެސް ޒާކިރު ވިދާޅުވިއެވެ.

މި ޙަރަކާތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ރާއްޖޭގެ ފިލްމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކެރެޓަރީ މުޙައްމަދު މަނިކުވަނީ މި ޓޯނިވަލްގެ ތެރެއަށް ކުޅިވަރާއި މުނިފޫހިފިލުވުމާއި ފަތުރުވެރިކަމާއި ސިއްޙީ އަދި ތަޢުލީމީ އެކި ކަންކަން ވަންނާތީ މިއީ ވަރަށް ފައިދާހުރި ޙަރަކާތެއްކަން ފާހަގަކުރައްވާފައެވެ.

"ޓޯނިވަލްގައި ހުރި ކަންތައްތަކަކީ ފިލްމީ ދާއިރާއަށް ވަރަށް ފައިދާހުރި ކަންތައްތަކެއް. މި ޓޯނިވަލްގައި މި އަންނަނީ ސްޕޯޓްސް އެންޓަޓައިންމަންޓް ޓޫރިޒަމް ހެލްތް ސެކްޓާރ އާއި އެޑިއުކޭޝަންއާއި ހުރިހާ އެއްޗެއް އެކުލެވިގެން ހިނގާނެ އެއްޗެއް. ފިލްމީދާއިރާގެ އެކި ހިސާބުތަކުގައި އުނގަންނައިދިނުމަށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއްވެސް ހިމެނޭތީވެ މިއީ ވަރަށް ފައިދާހުރި އެއްޗަކަށްވާނެ"
މަނިކް

މި ޓޯނިވަލް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 27 ،28 އަދި 29 ވަނަ ދުވަހުއެވެ.

ހުސްވިމަހުގެ 14 ވަނަ ދުވަހު އެނިޔެލްފްއިން ވަނީ ދިވެހި ސަރުކާރާއި ރާއްޖޭގެ ފިލްމީ ދާއިރާއަށް ދަޢުވަތުދީގެން ޓޯނިވަލް ސެލެބްރިޓީ ލީގް 2022ގެ ނަމުގައި ބެންގަލޫރުގައިވެސް ޚާއްޞަ ޙަރަކާތެއް ބާއްވާފައެވެ.