ދުނިޔޭގައި އެންމެ ފުރަތަމަ ވޯލްޑްކަޕް މުބާރާތެއް ބޭއްވީ 1930 ވަނަ އަހަރު ޖުލައި މަސްތެރޭގައި ދެކުނު އެމެރިކާގެ ޔުރުގުއާއީގައެވެ. ދުނިޔޭގެ ފޫޓުބޯޅައިގެ މައި ޖަމްއިއްޔާ ފީފާއިން އެފަހަރުގެ މުބާރާތް ޔުރުގުއާއީގައި ބާއްވަން ނިންމީ ތާރީޚީ ގޮތުން އެޤައުމަށް މުހިންމު އަހަރަކަށްވާތީއެވެ. ޔުރުގުއާއީގެ މިނިވަންކަމަށް 100 އަހަރުވެސް ފުރުނީ އެއަހަރުގެ ތެރޭގައެވެ. ޔުރުގުއާއީއަށް މިނިވަންކަން ލިބުނީ އަށާރަސަތޭކައިގެ އަހަރުތަކުގެ ތެރޭގައި ސްޕެއިން، ޕޯޗްގަލް، ބްރްޒިލް އަދި އާޖެންޓީނާ ފަދަ ޤައުމުތަކާ ގިނަ ޒަމާންތަކެއް ވަންދެން ހަނގުރާމަ ކުރުމަށްފަހު އަށާރަސަތޭކައިގެ މެދުތެރޭގައެވެ.

ވޯލްޑްކަޕުގެ އެފަހަރުގެ ހުރިހާ މެޗެއްވެސް ކުޅުނީ ވެރިރަށް "މޮންޓެވީޑިއޯ" ގައެވެ. މުބާރާތުގެ ހުރިހާ މެޗެއްހެން ކުޅުނީ މިމުބާރާތް ބާއްވަން ހާއްސަކޮށް ތައްޔާރުކުރި " އެސްޓާޑިއޯ ސެންޓެނާރިއޯ" ކިޔާ ސްޓޭޑިއަމްގައެވެ. ޔުރުގުއާއީގެ މަޝްހޫރު އާކިޓެކްޓް ޔުއަން އެންޓޯނިއޯ ސްކަސީ މިސްޓޭޑިއަމް ޑިޒައިންކުރީ އެއްފަހަރާ 90،000 (ނުވަދިހާސް) މީހުންނަށް ކުޅިބަލަން ވަދެވޭގޮތަށެވެ. ސްޓޭޑިއަމްގެ ހުރިހާ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާލީ ބަރާބަރު ނުވަމަސްދުވަހުންނެވެ. އެދުވަސްވަރު މިތަން ވެގެންގޮސްފައިވަނީ މުޅި އެމެރިކާ ބައްރުގައިހުރި އެންމެ ބޮޑެ ފުޓްބޯޅަ ސްޓޭޑިއަމްގެ ގޮތުގައެވެ.

އެފަހަރު މިމުބާރާތް ބޭއްވުނީ 15 ރެފްރީންނާއެކު ޖުމްލަ 18 މެޗުގެ ދިގުމިނަށެވެ. ނަވާރަސަތޭކަ ތިރީސް ވަނައަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ފެށުނު މިމުބާރާތް ނިންމީ އެންމެ 15 ދުވަސްތެރޭގައެވެ.

މުބާރާތުގައި ބައިވެރިވީ ޔޫރަޕުގެ 4 ޤައުމާއި، ދެނުނު އެމެރިކާގެ 7 ޤައުމާއި އަދި އުތުރު އެމެރިކާއިން ބައިވެރި 2 ޤައުމާއެކު ޖުމްލަ 13 ޤައުމެކެވެ. ގިނަ ޤައުމުތަކަށް ބައިވެރިވޭގޮތްނުވީ ކަނޑުމަގުން ބޮޑެތި ކަނޑުތައް ހުރަސްކޮށް، ގިނަދުވަސްތެކެއް ވަންދެން ދަތުރު މަތީގައި އުޅެންޖެހުމާއި އަދި ދިގު ދަތުރުތަށް ކުރަން ގިނަ އުނދަގޫތަކާ ކުރިމަތިލާންޖެހޭތީއެވެ.

މިމުބާރާތް ފެށިގެންދިޔައީ އެއްވަގުތެއްގައި ކުޅެވުނު 2 މެޗާއެކުގައެވެ. ފުރަތަމަ ކުޅުނު ދެމެޗު ކާމިޔާބުކުރީ ފްރާންސުންނާއި އެމެރިކާއިންނެވެ. ފްރާންސް ބައްދަލުކުރީ ދެކުނު އެމެރިކާގެ މެކްސިކޯއާއެވެ. މިމެޗް ފްރާންސުން ކާމިޔާބުކުރީ 4-1 (ހަތަރު ލަނޑު އެއްލަނޑުން) ނެވެ. ދެން ކުޅެވުނު އަނެއް މެޗު އެމެރިކާ ކާމިޔާބުކުރީ 3-0 ސީދާ (ތިންލަނޑު ސުންލަނޑުން) ޔޫރަޕުގެ މަޝްހޫރު ބެލްޖިއަމް ބަލިކުރުމަށްފަހުގައެވެ.

މިވޯލްޑް ކަޕު ހާއްސަވާ އެއްސަބަބަކީ މިމުބާރާތުގެ ދިގު ތާރީޚުގައި މިހާތަނަށް ކޮލިފައިން ސްޓޭޖްކަކާއި ނުލައި ބޭއްވުނު ހަމައެކަނި ވޯލްޑް ކަޕް މުބާރާތަކީވެސް މިމުބާރާތް ކަމަށްވާތީއެވެ.

އެސްޓާޑިއޯ ސެންޓެނާރިއޯ މިހާރު ފެންނަގޮތް

ވޯލްޑް ކަޕުގެ ތާރީޚްގެ ތެރެއިން އެންމެ ޝަރަފުވެރި މަޤާމް އާދެ، އަލަށް މިމުބާރާތުގެ މެޗެއްގައި ފުރަތަމަ ގޯލްޖެހުމުގެ ފަހުވެރި މާޤާމް ހާސިލްކުރީ ފްރާންސްގެ ޤައުމީ ޓީމުގެ ފޯވަޑު ކުޅުންތެރިޔާ "ލޫސިއެން ލޯރަންޓް" އެވެ. އަދި އެންމެ ގޯލެއްވެސް ފުރަތަމަ މެޗުން ބައިކޮޅަށް ޖެހިޔަ ނުދިނުމުގެ ރެކޯޑްހޯދީ އެމެރިކާގެ ޤައުމީ ޓީމުގެ ގޯލްކީޕަރ "ޖިމީ ޑަގްލަޝް" އެވެ.

މިފަހަރުގެ މިލިޔުން ހާއްސަ ކޮށްލަން ޖެހެނީ ފުރަތަމަ ބޭއްވުނު ވޯލްޑް ކަޕު މުބާރާތުގެ ފައިނަލް މެޗަށް ކަމައްވާތީ، ތަފްސީލުތަށް މިވަގުތަށް ކުރުކޮށްލާ، މިހާހިސާބުން ފައިނަލް މެޗު ކުޅެވުނު ގޮތަށް ބަލާލާނަމެވެ. ފައިނަލް މެޗުގައި ބައްދަލުކުރީ އެންމެ އަވައްޓެރި ދެޤައުމު ކަމަށްވާ ޔުރުގުއާއީ އާއި އާޖެންޓީނާއެވެ. ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރީ ޔުރުގުއާއީންނެވެ. އާޖެންޓީނާ ބަލިކުރީ 4 ލަނޑު 2 ލަނޑުގެ ތަފާތަކުންނެވެ. ވަރަށް އުދަނގޫ ފައްތަރެއްގެ ތެރޭގައި ކުރިޔަށް ގެންދެވުނު މިމެޗު ފަށާ ގަޑި ކުޑަތަންވަމުން ދަނިކޮށް، މެޗު ކުޅެން އާޖެންޓީނާ ދެކޮޅު ހެދިއެވެ. މެޗު ކުޅެން ދެކޮޅުހެދީ ބޯޅަ ކަމުނުދާކަމަށް ބުނެއެވެ. ޔުރުގުއާއީގައި އުފައްދާ ބޯޅައަކުން ކުޅެންބޭނުން ނޫންކަމަށް ބުނެއެވެ. މިހާ ހިސާބުން ކުޅޭނީ ކޮން ބޯޅައަކުންތޯގެ ހޫނުބަހުސްތައް ފެށުނެވެ.

ފަހުގެ ވޯލްޑް ކަޕުތަކުގައި މެޗުތައް ކުޅެނީ ސީދާ އެމުބާތަކަށް ތައްޔާރުކުރާ ބޯޅައަކުންނެވެ. ކުޅިވަރާބެހޭ ތަޖްރިބާކާރުންގެ ލަފަޔާ އިރުޝާދާއެކު ވަކި ބަރުދަނަކާއި، ވޯލްޑް ކަޕު ބާއްވަން ނިންމާ ޤައުމެއްގެ ތާރީޚާޢި އާދަކާދައާއި އަދި އެޤައުމެއްގެ ސަގާފަތާ ގުޅުވައިގެން، އެފަދަ "ޑިޒައިން ފީޗާސް" ތައް އެކުލަވާލައިގެން ތައްޔާރުކުރެވޭ ހަލުވި ލުއި ބޯޅައަކުންނެވެ. މިއަދާ ހަމަޔަށް ދިޔައިރު މިފަދަ ތަފާތު 21 ވައްތަރެއްގެ ބޯޅަ ވަނީ ވޯލްޑް ކަޕު ކުޅެން ފަރުމާކުރެވިފައެވެ.

މިމުބާރާތުގެ ފައިނަލް މެޗުގެކުރިން ކުޅޭބޯޅައިގެ އެއްވެސް މައްސަލައެއް ކުރިމަވި ވެފައެއް ނުވެއެވެ. އެހެންނަމަވެސް ފައިނަލް މެޗާއި ހިސާބުން މިއޮތީ ބޯޅައިގެ މައްސަލަ ފެންމަތިވެފައެވެ. ޔުރުގުއާއީ ބޭނުންވީ އެމީހުންގެ އަމިއްލަ ބޯޅައިން ކުޅޭށެވެ. އާޖެންޓީނާ ބޭނުންވީ އެމީހުންގެ އަމިއްލަ ބޯޅައިން ކުޅޭށެވެ. އެއްވެސް ޓީމެއް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. ކަން މިހެން އޮތުމާއެކު، ބަހުސްގެ ފޯރިގަދަވެ ފީފާއަށް ފައިނަލް މެޗު ކުޅޭނީ ކޮންބޯޅައަކުންތޯ ނިންމަން އުނދަގޫ ވެގެންދިޔައެވެ. މިހާ ހިސާބުން ދެޤައުމުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު އެންމެފަހުން ނިންމީ މެޗުގެ 2 ހާފު 2 ޤައުމުން ކަނޑައަޅާ 2 ބޯޅައިން ކުޅުމަށެވެ. ގާތްގަނޑަކަށް 100،00 (އެއްލައްކަ) އަށްވުރެ ގިނަމީހުން މެޗުބަލަން ދިޔަ ފައިނަލްމެޗުގެ ފުރަތަމަ ހާފު ކުޅުނީ އާޖެންޓީނާގެ "ޓިއެންޓޯ" ބޯޅައިންނެވެ. ފަހު ހާފުކުޅުނީ ޔުރުގުއާއީގެ ޓީ-މޮޑެލް ނަމަކަށްކިޔާ ބޯޅައަކުންނެވެ.

އާޖެންޓީނާގެ "ޓިއެންޓޯ" ބޯޅަ
ޔުރުގުއާއީގެ ޓ-މޮޑެލް ބޯޅަ

ފުރަތަމަ ހާފު ނިމުނުއިރު ސްކޯ އުޅުނީ 2-1 އިން އާޖެންޓީނާ ކުރީގައެވެ. ދެވަނަ ހާފުގައި ޔުރުގުއޭއިން 3 ލަނޑުޖަހައި މެޗުގެ ނަތީޖާ 4-2 އިން ކުރިހޯދިއެވެ. މިމެޗު ބަލާފައި ގިނަބަޔަކު ޤަބޫލުކުރީ މެޗުގެ ނަތީޖާއަށް ބަދަލު ގެނުވަނީ ކުޅޭ ބޯޅައިން ކަމަށެވެ. ފައިނަލް މެޗުގެ 2 ހާފުން ލިބުނު ތަފާތު ނަތީޖާއަށް ބަލާއިރު، މިކަން ސީދާ ދޮގުކުރެވޭކަށްވެސް ނެތެވެ. ބޯޅަ ބަދަލުކުރުމުން ދެހާފުގެ ނަތީޖާވެސް ބަދަލުވެގެންދިޔައީ ހަމަ އެގޮތަށެވެ. އެދުވަސްވަރަކީ މުބާރާތްތަށް ކުޅެން މާގިނަ އުސޫލުތަކާއި، ޤަވައިދުތަކާއި އަދި ސްޓޭންޑަރޑްތަކެއް ހެދިފައިއޮތް ޒަމާނެއްނޫނެވެ. ވީމާ މިޒާތުގެ ކަންކަން ހިނގުން އެއީ ނުވެ ނުދާނެ ކަމެކެވެ.

އަލް ރިހުލާ ބޯޅައާއެކު "މެސީ"
އަލް ރިހުލާ ބޯޅަ

މިފަހަރުގެ ޤަތަރު ވޯލްޑްކަޕުގައި ކުޅެނީ ދުނިޔޭގެ މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ އެޑިޑާސް ކުންފުނިން ފަރުމާކޮށް ޤަތަރުގެ ތާރީޚާއި ސަގާފަތާ ގުޅުވައި ނަންދެވިފައިވަ "އަލް ރިހްލާ" ނަމަކަށް ކިޔާ ބޯޅައަކުންނެވެ. އަލް ރިހްލާ ބޯޅައަކީ ފީފާ 2022 ގެ ލޯގޯޖެހި ރަސްމީ މެޗުބޯޅައެވެ. މިއީ ފުޓުބޯޅައިގެ ތާރީހުގައި އުފެއްދި އެންމެ ހަލުވި ބޯޅައެވެ. މިބޯޅައިން މިފަހަރު ވޯލްޑް ކަޕު ކާމިޔާބުކުރާނީ ބްރެޒިލުންތޯ، ފްރާންސުންތޯ ނޫނީ މިބޯޅައަށް އެންމެ އަވަހަށް ފަރިތަވާ ޤައުމަކުންބާ..!!!