ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މަންކީޕޮކްސްގެ ނަން ބަދަލުކޮށްފިއެވެ.
މަންކީޕޮކްސްއަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅައި އިއުލާންކުރި އައު ނަމަކީ "އެމްޕޮކްސް" އެވެ.
ޑަބްލިޔުއެޗްއޯއިން މަންކީޕޮކްސްއަށް ޒަމާނުއްސުރެ ކިޔަމުން އައި ނަން މި ބަދަލުކުރީ، އެނަމަކީ ރޭސިސްޓް އަދި މީހުންގެ އަބުރަށް އުނިކަން އަންނަ ނަމެއްކަމުގެ ޝައުވާތަކާ ހެދިއެވެ.
އަލަށް ކަނޑައެޅި "އެމްޕޮކްސް" ގެ ނަމާއެކު ކުރިން ބޭނުންކުރަމުން އައި ނަން "މަންކީޕޮކްސް" އަހަރެއް ވަންދެން ބޭނުންކުރެވޭނެ ކަމަށާއި، އޭގެފަހުން "މަންކީޕޮކްސް" މި ނަން ބޭނުންކުރުން އެއްކޮށް އުވާލެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.
މަންކީޕޮކްސްއަށް "އެމްޕޮކްސް" މި ނަން ދެވުނީ، އެކްސްޕާޓުންނާއި، ގައުމުތަކާއި އަދި އާންމުންގެ މެދުގައިވެސް ދިގުލީ ބަހުސްތައް ކުރުމަށް ފަހުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަދު ބުނެފައި ވެއެވެ.
"އެމްޕޮކްސް" އަކީ އިނގިރޭސި ބަހުގެ އިތުރުން، އެހެން ބަސްބަހުންވެސް ފަސޭހައިން ބޭނުންކުރެވޭނެ ބަހެއް ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.
އިންސާނުންގެ ގައިން މަންކީޕޮކްސް އެންމެ ފުރަތަމަ ފެނިފައިވަނީ 1970 ގެ އަހަރުތަކުގައެވެ. މި ބައްޔަށް މަންކީޕޮކްސް ކިޔުނީ، މި ބަލި ޖައްސާ ވައިރަސް ފެނިފައިވަނީ ކޮށިތަކުގައި ގެންގުޅުނު ރާމާމަކުނުތަކެއްގެ ގައިން ކަމަށްވާތީއެވެ.
މަންކީޕޮކްސްއަކީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައި ފެތުރެމުންދާ، ޚާއްސަކޮށް ގިނަމީހުންނާ ގުޅުންހިންގާ މީހުންނަށް ޖެހެމުންދާ ބައްޔެކެވެ.
މަންކީޕޮކްސް ކުރިން ގިނައިން ފެތުރިފައިވަނީ އެފްރިކާ ބައްރުގައި ނަމަވެސް، މިބަލި ޔޫރަޕްގެ އެތައް ގައުމަކާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 ވަރަކަށް ގައުމުގައި މިއަހަރު ފެތުރެން ފަށާފައި ވެއެވެ. މަންކީޕޮކްސް އެންމެ ގިނައިން ފެނިފައިވާ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ބްރެޒިލް، ސްޕެއިން، ފްރާންސް، އިނގިރޭސިވިލާތް ހިމެނެއެވެ.
މިކަމާހެދި، މަންކީޕޮކްސްއަކީ ދުނިޔޭގެ އާންމު ސިއްހަތުގެ އިމަޖެންސީއެއް ނުވަތަ ގްލޯބަލް ހެލްތު އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މިއަހަރުގެ ޖުލައިމަހު ކަނޑައަޅައި އިއުލާން ކޮށްފައި ވެއެވެ. ގްލޯބަލް ހެލްތު އިމަޖެންސީއަކީ ޑަބްލިޔުއެޗްއޯގެ އެންމެމަތީ އެލަޓް ލެވެލްއެވެ.
މަންކީޕޮކްސް ބަލީގައި މިއަހަރުގެ ތެރޭގައި މިހާތަނަށް 50 މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.
ނާޒުކު ގްރޫޕްތަކަށް ވެކްސިން ޖަހަން ފެށުމާއި، ފިޔަވަޅުތައް ހަރުކަށިކޮށް އަދި ހޭލުންތެރިކުރާން ފެށުމުން މަންކީޕޮކްސްޖެހޭ މީހުްނގެ އަދަދުތައް މިހާރު ދަށްވަމުންދާ ކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުނެފައި ވެއެވެ.