ރާއްޖޭގެ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާއިން ދިން 100 މިލިއަން ޑޮލަރަކީ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ބަޖެޓަރީ ސަޕޯޓްގެ ގޮތުގައި އިންޑިއާ އިން 100 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނަކީ މިވަގުތަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
އަދި ނެތެމުންދިޔަ ބޭރު ފައިސާގެ ރިޒާވަށް ލިބުނު ވަގުތީ ހައްލެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންޑިއާ ސަރުކާރުން ރާއްޖޭގެ ބަޖެޓް ސަޕޯޓަށް ދިން 100 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއަށް އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި އެކަންކަމަށް އިޖާބަދީ އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމަކީ އިންޑިއާ ކަމަށެވެ.
އެގޮތުން ކޮވިޑް-19ގެ ދަތި ދުވަސްވަރު ރާއްޖެއަށް ފޯރުކޮށްދިން އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ފާއިތުވި 4 އަހަރުގެ ތެރޭގައި ރާއްޖެއަށް ހިލޭ އެހީއާއި ލޯނު އެހީގެ ގޮތުގައި އިންޑިއާއިން އެކަނިވެސް 2.75 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒު މިނިސްޓަރު ޑރ. ޖައިޝަންކަރު ވިދާޅުވީ އެ ފައިސާގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމުން އަރައިގަނެ އިގްތިސޯދި ހަލުވިކަމާއިއެކު ކުރިއެރުވުމުގެ މަސައްކަތް ފަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި އިންޑިއާގެ ނެއިބާހުޑް ފަސްޓް ސިޔާސަތާއި ރާއްޖޭގެ އިންޑިއާ ފަސްޓް ސިޔާސަތުގެ ދަށުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ އޭގެ ޚާއްސަކަމާއި އެއްފަދައިން ވަރުގަދަ ގުޅުމެއް ކަމަށެވެ.
100 މިލިއަން ޑޮލަރުގެ މާލީ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (މާލެ ބްރާންޗް) އިން ދިވެހި ސަރުކާރުގެ ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓްކޮށްގެން ކަމަށް ސަރުކާރުން ބުނެއެވެ.