ބޭންކް އޮފް މޯލްޑިވްސްއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑްދީފައެވެ.
އޭގެތެރޭގައި 40 އަހަރު ޙިދުމަތް ކޮށްދީފައިވާ 3 ބޭފުޅަކު ހިމެނެއެވެ.
މި ހަފްލާގައި ބެންކްގެ ޑެޕިއުޓީ ސީއީއީ ޢާއިޝަތު ނޫރައްދީން، ޑިވެލޮޕްމަންޓް ބޭންކިންގ ޑައިރެކްޓަރ ފާތިމަތު މަނިކެ އަދި ސީނިއަރ ފެސިލިޓީސް އޮފިސަރ މޫސާ މުޙައްމަދަށް ވަނީ ބޭންކު ހުޅުވުނު ދުވަހުން ފެށިގެން 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ އެކަމަށް ހާއްސަ އެވޯޑެއް ދީފައެވެ.
މި ހަފްލާގައި 35 އަހަރު ބޭންކަށް ހިދުމަތްކޮށްދެއްވާފައިވާ ބެންކްގެ ސީނިއަރ ރީކޮންސިލިއޭޝަން އޮފިސަރ ފިރާޤް އަހުމަދު އަށްވެސް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.
މި ހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ ވަނީ ޖުމްލަ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދީފައެވެ.
އަދި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކާރލް ސްޓުމްކަ ވަނީ ބެންކުގެ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވާ، ބެންކިންގްގެ ދާއިރާގައި އެ މުވައްޒަފުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް ކަމަށް ވިދާޅުވެފައެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.
ބީއެމްއެލުން ބުނީ، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށެވެ. އަދޮ އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުން ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.