މާލޭގައި ހުރި ގަރާޖުތައް ރައްކާތެރި ސަރަހައަދަކަށް ބަދަލުކުރުމަށް ހުޅުމާލެ އިން ބިން ދޭން ހައްސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ނިންމައިފިއެވެ.
އެޗްޑީސީން ބުނީ، ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗްޑީސީން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1000 އަކަފޫޓަށްވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1000 އަކަފޫޓޫ އަދި 1000 އަކަފޫޓަށްވުރެ ބޮޑެތި ގަރާޖުތަކަށް 1300 އަކަފޫޓުގެ ބިން ދޫކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް 2 ފަންގި ފިލާއަށް އިމާރާތްކުރެވޭނެގޮތަށް ވަނީ ނިންމާފައިވާ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
މާލޭގައި ހިންގަމުންދާ ގިނަ ގަރާޖުތަކަކީ އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިންގަމުންދާ ތަންތަނެވެ.
މިފަދަ ގަރާޖުތަކުގައި ވެލްޑިންގ ކުރުމާއި ޓިންކަރިންކުރުން ފަދަ ކަންކަން ކުރެއެވެ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ވަނީ ހިނގާފައެވެ.
އާންމުން ދިރިއުޅޭ ތަންތަނުގައި އެފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ އެކަމަށް ލިބިގެންދާނެ ބޮޑު ހައްލެއް ކަމަށް އެޗްޑީސީން ބުނެއެވެ.
މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، އެ ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެކެވެ.
މިމަހުގެ 9 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް މީގެކުރިން ވަނީ ދެއްވާފައެވެ.
އެގޮތުން ބިދޭސީން ދިރިއުޅޭ ތަންތަން ބެލުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ކުރިޔަށްގެންދިއުމަށާއި މާލޭގައި ހުރި ވޯކްޝޮޕް ގަރާޖުފަދަ ތަންތަން އަވަސްގޮތެއްގައި އެހެންތަނަކަށް ބަދަލުކުރެވޭނެ ޕްލޭނެއް ކަމާބެހޭ ފަރާތްތަކުން ތައްޔާރުކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.