މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށް ނޯޑިކް ސަރަޙައްދުގެ މަޝްހޫރު ޕަބްލިކޭޝަންތައް ތަމްސީލުކުރާ މީޑިޔާ ޓީމެެއް ފެމިލިރައިޒޭޝަން ދަތުރެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މި ދަތުރު ކުރިއަށް ދަނީ މިމަހުގެ 25 ވަނަ ދުވަހުން ޑިސެންބަރުމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ދަތުރުގެ އަމާޒަކީ ނޯޑީކް މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ސެގްމެންޓްތައް، ހާއްސަކޮށް ލަގްޒަރީ އަދި ގެސްޓްރޮނޮމީ ސެގްމަންޓު އިތުރަށް އިޝްތިހާރުކުރުން ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން ނޯޑިކް މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންގް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެމިލިއަލައިޒޭޝަން ދަތުރުގައި ރާއްޖޭގެ ރިޒޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި ގޭސްޓްރޮނޮމީ، ވެލްނެސް، އަދި ވޯޓާ ސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް ނޯޑިކް މާކެޓަށް ދައްކާލާނެއެވެ.

އަދި މި ދަތުރުގެ ސަބަބުން ރާއްޖެއަށްފުޅާ ދާއިރާއެއްގެ ކަވަރޭޖެއް ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ދަތުރުގައި އައި ނޯޑިކް މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ސަން ސިޔާމް އިރުވެލި، ފެއަރމައުންޓް މޯލްޑިވްސް ސިއްރު ފެންފުށި އަދި ލެ މެރީޑިއަން މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާގައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ނޯޑިކް މާކެޓުން ރާއްޖެއަށް ވަނީ 29,666 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެހެންކަމުން އެމްއެމްޕީއާރުސީއިން ދަނީ ނޯޑިކް މާކެޓަށް އަމާޒުކޮށްގެން ގިނަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.