ތިލަފުށީގެ ފަޅުތެރެއަށް ޖަމަވެފައިވާ ކުނިތައް ނެގުމުގެ މަސައްކަތް ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ފަށައިފިއެވެ.

ވީނިއުސްއަށް މަޢުލޫމާތުދެއްވަމުން ވެމްކޯގެ އެސިސްޓެންޓް މެނޭޖަރ ބިޒްނަސް ޑިވެލޮޕްމަންޓް ދުންޔާ އިބްރާހީމް ވިދާޅުވީ ތިލަފުށީގައި އިމާރާތްކުރަމުންދާ އިންޑަސްޓްރިއަލް ޒޯންތަކުގެ ސައިޓްތަކުން އުފެދޭ ކުނި ވަޔާއި އޮއިވަރު ހުންނަ ގޮތުން ތިލަފުށީގެ ފަޅުތެރެއަށް ޖަމާވެފައިވާ ކަމަށެވެ.

އަދި މި ކުނިތައް ފަޅުގެ އިނާ ޕޮކެޓްތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށާއި ސަރަހައްދުގެ ވަޔާ އޮއިވަރު ހުރިގޮތުން ބައެއް ކުނި ފަޅުތެރެއިން ބޭރަށް ކަނޑަށް އޮޔާދާކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ ވަނީ އެ ކުނިތައް ފަޅުތެރެއިން ނެގުމުގެ މަސައްކަތް ވަރަށް ހަލުވިމިނެއްގައި މިހާރުވެސް ކުރިއަށް ގެންދާކަން ފާހަގަކުރައްވާފައެވެ. އަދި ލަފާކުރެވޭ ގޮތުގައި މިއަދު ނޫނީ މާދަމާ ތިލަފުށީގެ ފަޅަށް އެޅިފައިވާ ކުނިތައް އެއްކޮށް ސާފުކޮށް ނިމޭނެ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ތިލަފުށީގެ ފަޅުތެއަށް އެޅިފައިވާ ކުނިތަކުގެ ތެރޭގައި އެކިވައްތަރުގެ ގިނަ އަދަދެއްގެ ޕްލާސްޓިކް ހިމެނެއެވެ. އަދި ލަކުޑިއާއި ފުޅިމަދުގެ ބާވަތްތައްވެސް ތިލަފުށީގެ ފަޅުތެރެއަށް ވަނީ އެޅިފައެވެ.

މީގެ ކުރިންވެސްވަނީ ތިލަފުށީގެ ފަޅުތެރެއިން ކުނި ގިނަވުމާއި ގުޅިގެން ވެމްކޯއިންވަނީ އެ ކުނިތައް ނެގުމުގެ މަސައްކަތް ކޮށްފައެވެ.

މާލެއާއި ރާއްޖޭގެ އެކި ސަރަހައްދުތަކުން ދުވާލަކު 500 ޓަނާއި 700 ޓަނާއި ދެމެދުގެ އަދަދެއްގެ ކުނި ތިލަފުއްޓަށް ޖަމާކުރެއެވެ.

ތިލަފުށީގައި ޒަމާނީ ފެންވަރަކަށް ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.