އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވުމުގެ ސަބަބުން އައިސްޕްލާންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
އިހަވަންދޫ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވާތީ އެ ސަރަހައްދުގެ ބޮޑުބައެއް ބަންދުކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ވީނިއުސްއާ ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިލްވާން ވިދާޅުވީ އައިސްޕްލާންޓުން އެމޯނިޔަމް ލީކުވުމުގެ ސަބަބުން ހޭނެތުނު ބިދޭސީއަކަށް ފަރުވާދީފައިވާ ކަމަށެވެ.
ބިދޭސީ މީހާގެ ހާލު އަދިވެސް އެއްކޮށް ރަނގަޅުނުވާކަން ފާހަގަކުރައްވާ ރިލްވާން ވިދާޅުވީ އައިސް ޕްލާންޓުން އެމޯނިޔަމް ގޭސް ލީކްވުމުގެ މައްސަލަ ދޭތެރެ ދޭތެރެއިން ދިމާވާ ކަމަށެވެ.
އެމޯނިޔަމް ގޭސް ބޭނުންކުރާ ހަމައެކަނި އައިސްޕްލާންޓަކީ އިހަވަންދޫ ކަމަށާއި މި ގޭހަކީ އާންމު ރައްޔިތުންގެ ސިއްހަތައް ނުރައްކާވާ ގޭހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ކޯޑޯން ޓޭޕް ދަމައި އެ ސަރަހައްދު މިހާރު ބަންދުކޮށްފަވާއިރު ސިފައިންގެ އެހީތެރިކަމާއެކު ފަޅައިގެންގޮސްފައިވާ ސިލިންޑަރު ފާހަގަކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގައި ސިފައިންގެ އެހީތެރިކަން ލިބުނުކަން ރިލްވާން ފާހަގަކުރެއްވިއެވެ.
އައިސްޕްލާންޓުގެ ޚިދުމަތް މިވަގުތަށް މެދުކެނޑިފައިވާ ކަމަށާއި މިދުވަސްވަރަކީ މަސްވެރިކަންވެސް ތިއާގި ދުވަސްވަރެއްކަމަށްވެސް ރިލްވާން ވިދާޅުވިއެވެ.
މަސްވެރިކަން ކުރާ 23 ދޯނި އޮންނައިރު އައިސްނުލިބުމުގެ ސަބަބުން މަސްވެރިންނަށް ވަރަށް ބޮޑެތި ދަތިތައް ދިމާވަމުންދާކަން ރިލްވާން ފާހަގަކުރެއްވިއެވެ.
އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިލްވާން ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިހާރު ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކުރަމުންދާ ކަމަށެވެ.
އިހަވަންދޫގެ އައިސް ޕްލާންޓުން ދުވާލަކު 50 ޓަނުގެ އައިސް އުފެއްދޭގޮތަށް ކެޕޭސިޓީ އިތުރުކޮށް ސްޓޯރޭޖް ބޭނުންކުރަން ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮބާތަ މާލޭގަ ގަރާޖު ރޯވެގެން އެސަރަހައްދުގެ ވައި ދިރާސާކުރި މީހުން ތިތަނަކަށްނުދޭތަ އަތޮޅުތެރެވީމަ ދެއްތޯ