ތަޢުލީމީ ކަރިކިއުލަމް ޑިވެލޮޕްކުރުމާއި ވޮކޭޝަނަލް ތަމްރީނުތައް ހިންގުމުގައި ދެ ޤައުމުގެ ޢިލްމާއި ތަޖުރިބާ ޙިއްޞާކުރުމަށް ރާއްޖެއާއި ސިންގަޕޫރާއި ދެމެދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިސް އެކްސަލެންސީ ސޫ ކޮކް ލެންގް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސިންގަޕޫރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރާ ބައްދަލުކުރައްވައި އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ސިންގަޕޫރު ގެ ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި، ތަޢުލީމާއި، ވިޔަފާރީގެ ދާއިރާއާއި، ދަނޑުވެރިކަމާއި، އިޢާދަކުރަނިވި ހަކަތައާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސިންގަޕޫރު ސަފީރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން ޒަމާނީ ދަނޑުވެރިކަމުގެ ގޮތްތަކާއި ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި އިސްނެގުމާއި މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ދެ ޤައުމުންވެސް ޢިލްމާއި ތަޖުރިބާ ޙިއްޞާކުރަންޖެހޭކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަފީރު ގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުރިއަށް އޮތް އަހަރުތަކުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1975 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.