20 ވަނަ ނޭޝަނަލް ބޮޑީ ބިލްޑިންގ އެންޑް ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕް "އެސްޓީއޯ މިސްޓަރ މޯލްޑިވްސް 2022"ގެ ރަން ވަނަތަކެއް ދިވެހި ސިފައިންގެ ކުލަބުގެ އެތުލީޓުން ހާސިލުކޮށްފިއެވެ.

މިއީ ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި މުބާރާތެކެވެ.

ހެންވޭރު ސްޓޭޑިއަމްގައި ރޭ ބޭއްވި މިސްޓަރ މޯލްޑިވްސް މުބާރާތުގައި، ދިވެހި ސިފައިންގެ ކުލަބުގެ 11 އެތުލީޓުން ވާދަކުރިއެވެ. އެގޮތުން ސިފައިންގެ އެތުލީޓުން ވާދަކުރި ކެޓަގަރީތަކުގެ ތެރެއިން، އެ މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް ކެޓަގަރީ" ގެ އޯވަރޯލް ޗެމްޕިއަންކަން ހޯދައި، ސާޖަންޓް ޢަބްދުﷲ އަޙްސަން ވަނީ ގޯލްޑް މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން ސާޖަންޓް ފަތުހުﷲ މުޙައްމަދު ވެސް މި ކެޓަގަރީން ގޯލްޑް މެޑަލް ހާސިލުކޮށްފައިވެއެވެ.

މުބާރާތުގެ "މެންސް އެތުލެޓިކް ފިޒީކް ކެޓަގަރީ" ގައި ވާދަކޮށް، ސާޖަންޓް އިބްރާހީމް ނަބީލް އާއި ކޯޕްރަލް ވިރަމް އިސްމާޢީލް ވަނީ ސިލްވަރ މެޑަލް ހާސިލުކޮށްފައެވެ. ކޯޕްރަލް ވިރަމް އިސްމާޢީލް ވަނީ "21 އަހަރުން ދަށުގެ މެންސް އެތުލެޓިކް ފިޒީކް ކެޓަގަރީ" އިން ވެސް ސިލްވަރ މެޑަލް ހާސިލުކޮށްފައެވެ. އަދި، މި ކެޓަގަރީން ވާދަކުރި، ސާޖަންޓް މަނާފް ވަޙީދު ވަނީ ބްރޯންޒް މެޑަލް ހާސިލުކޮށްފައެވެ.

މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބުން ހޯދާފައިވާ އިތުރު ކާމިޔާބީތަކުގެ ތެރޭގައި، "މެންސް ސްޕޯޓްސް ފިޒީކް ކެޓަގަރީ" އިން ޑީއެސްސީގެ ތިން އެތުލީޓަކު ގޯލްޑް މެޑަލް ހާސިލުކުރުން ހިމެނެއެވެ. އެ ކެޓަގަރީން ގޯލްޑް މެޑަލް ހާސިލުކުރި ސިފައިންގެ އެތުލީޓުންނަކީ، ސާޖަންޓް ޙުސައިން ފަޒީލް ހާރޫން އާއި ސާޖަންޓް ހުޒާމް ޙަމީދު އާއި ކޯޕްރަލް ޢަލީ ސަލީމް އިބްރާހީމް އެވެ.

މީގެ އިތުރުން، "މެންސް ސްޕޯޓްސް ފިޒީކް ކެޓަގަރީ" އިން ސާޖަންޓް އަޙްމަދު ނަޢީމް ސިލްވަރ މެޑަލް ހޯދިއިރު، އެ ކެޓަގަރީގައި ވާދަކުރި ޕްރައިވެޓް އިބްރާހީމް ހަމްދާން ވަނީ ބްރޯންޒް މެޑަލް ހާސިލުކޮށްފައެވެ.

މިއަހަރުގެ މިސްޓަރ މޯލްޑިވްސް މުބާރާތުގައި ވާދަކުރި ދިވެހި ސިފައިންގެ ކުލަބުގެ ޓީމުގެ ކޯޗަކީ، ސާޖަންޓް މުޙައްމަދު އިބްރާހީމް އެވެ. އަދި އެ ޓީމުގެ މެނޭޖަރަކީ ސާޖަންޓް ފަސްޓް ކުލާސް މަޙްމޫދު ޒިޔާދުއެވެ.