ފީފާ ވޯލްޑް ކަޕް 2022 ގައި ގުރޫޕް އޭއިން ދެވަނަ ބުރު ކަށަވަރު ކުރި ފަހު ދެ ޓީމަށް ނެދަލެންޑްސް އާއި ސެނެގާލް ވީއިރު، ގުރޫޕް ބީއިން ދެ ވަނަ ބުރު ކަށަވަރުކުރި ފަހު ދެ ޓީމަށް އެމެރިކާ އަދި އިންގްލެންޑު ވެއްޖެއެވެ.

ގުރޫޕް އޭގެ ފަހު މެޗުތައް އަންގާރަ ދުވަހު ކުޅެފައިވާއިރު، ގުރޫޕް އޭގައި ހިމެނޭ ނެދަލެންޑްސްއިން ދެވަނަ ބުރު ކަށަވަރުކުރީ އަންގާރަ ދުވަހު އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗުން 2-0 ގެ ނަތީޖާއަކުން ޤަތަރު ބަލިކޮށްގެނެވެ. އަދި ސެނެގާލް ދެވަނަ ބުރަށް ދިޔައީ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ގައި 2-1ގެ ނަތީޖާއަކުން އެކުއެޑޯ ބަލިކޮށްގެނެވެ.

އިންގުލެންޑް އާއި ޤަތަރު ކުޅުނު މެޗު ގެ ތެރެއިން --- ފޮޓޯ ސްކައި ސްޕޯޓްސް

ގުރޫޕް ބީގެ ފަހު މެޗުތައްވެސް ކުޅުނީ އަންގާރަ ދުވަހުއެވެ. އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު ގުރޫޕް ބީގެ ފަހު މެޗު ގައި އިރާން ބަލިކޮށް އެމެރިކާއިން ދެވަނަ ބުރަށް ދަތުރުކުރިއިރު، އަޙުމަދު ބިން ޢަލީ ސްޓޭޑިއަމްގައި ވޭލްސް އަތުން މޮޅުވެ އިންގުލެންޑުން ގުރޫޕްގެ އެއްވަނަ ހޯދައިފިއެވެ. އެމަެރިކާއިން އިރާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި އިންގްލެންޑުން ވޭލްސް ބަލިކުރީ 3-0ގެ ނަތީޖާ އަކުންނެވެ.

ޤަތަރު ވޯލްޑް ކަޕްގައި ގުރޫޕް ސީ އަދި ޑީގެ ފަހު މެޗުތައް މިރޭ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ސަޢޫދީ ޢަރަބިއްޔާ އަދި މެކްސިކޯ ވާދަކުރާ މެޗު ލުސައިލް ސްޓޭޑިއަމްގައި ކުޅުމަށް ޖަމަޖެހިފައިވާއިރު، ޕޮލެންޑާއި އާޖެންޓީނާ ކުޅޭ މެޗު ސްޓޭޑިއަމް 974 ގައި އޮންނާނެއެވެ.

އަދި، އެޑިޔުކޭޝަން ސިޓީ ސްޓޭޑިއަމްގައި ޓިއުނޭޝިއާ އާއި ފްުރާސްގެ ކުރިމަތިލުން މިރޭ އޮންނައިރު، އަލް ޖުނޫބް ސްޓޭޑިއަމްގައި އޮސްޓްރެލިއާ އަދި ޑެންމާކު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ގުރޫޕް ސީގެ މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން 12:00 ގައެވެ. ގުރޫޕް ޑީގެ މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން 8:00 ގައެވެ.