ޓެކްނޮލޮޖީގެ ހަލުވި ދުވެއްޔާއެކު ދުނިޔޭގައި ފުރަތަމަ ފަހަރަށް އެލެކްޓްރިކް މާތިންދާބޯޓު އުފައްދަން ފަށައިފިއެވެ. މީހުންނާއި މުދާ އުފުލާގޮތަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓު "އެލިސް" ގެ ޓެސްޓު ފުލައިޓުތަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިބޯޓަށް އެލިސްގެ ނަމުން ނަންދެވުނީ މަޝްހޫރު ކާޓޫން "އެލިސް އިން ވޮނޑަރލޭންޑް" އާއި ގުޅުވާފައެވެ. މި މަތިންދާ ބޯޓު އުފެއްދީ އެމެރިކާއާއި އިސްރޭލަށް ނިސްބަތްވާ އޭވިއޭޝަން މަސައްކަތްކުރުމަށް 2015 ވަނަ އަހަރު އުފެއްދި "އޭވިއޭޝަން އެއާކުރާފްޓް" ކުންފުނިންނެވެ.

މިމަތިންދާ ބޯޓުގެ ޓެސްޓު ފުލައިޓުތަށް ކުރިޔަށްގެންދަން ރާވާތާ ދުވަސްތަކެއް ވެއްޖެއެވެ. މިކަމަށް ގިނަދުވަސްތަކަކަށް ދިގުލައިގެން ދިޔައީ ތަފާތު ހުއްދަތަށް ނެގުމާއި މޫސުން ތަންނުދޭތީ ދިމާވި ހުރަސްތަކާހެދިއެވެ. ނަމަވެސް މިއަހަރު، އާދެ 2022 ގެ ސެޕްޓެމްބަރު 27 ވަނަވީ އަންގާރަ ދުވަހު ޓެސްޓު ފުލައިޓުތަށް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މިބޯޓު ޓެސްޓަށް އުދައްސާލީ އެމެރިކާގެ ވޮޝިންގްޓަން ސްޓޭޓުގައި އޮންނަ "ގްރޭންޓް ކައުންޓީ އިންޓަރނޭޝަނަލް އެއާޕޯޓް" އިންނެވެ. ބޯޓު ވައިގެތެރޭގައި ބަރާބަރު 08 މިނިޓު ވަންދެން އުދުހި އުދުހި އޮތެވެ. މިޓެސްޓުތަށް އެންމެ ފުރަތަމަ ކުރިޔަށް ގެންދަން ރާވާފައިއޮތީ 2021 ގެ ތެރޭގައެވެ. ނަމަވެސް ކުރިން ދެންނެވުނު ދަތިތަކާހެދި އޭރު މިކަން ކުރެވޭގޮތް ނުވީއެވެ.

މިއަހަރު ސެޕްޓެމްބަރ 27 ވެގެން ދިޔައީ ވަރަށް ތާރީޚީ ދުވަހަކަށެވެ. އެއީ ދުނިޔޭގައި ފުރަތަމަ ފަހަރަށް މުޅިން ބެޓެރީ ބޭނުންކޮށްގެން، މީހުން އުފުލާގޮތަށް ފަރުމާކުރެވުނު "ކޮމާޝަލް މަތިންދާބޯޓު" އަލަށް ވައިގެ ތެރެއަށް އުދުއްސާލެވުނު ދުވަހަށެވެ. މިޒާތުގެ އުޅަނދުފަހަރު ވިޔަފާރިއަށް ނެރެވޭވަރުވާނެ ކަމަށް ލަފާކުރަނީ 2027 ވަނައަހަރު ތެރޭގައެވެ. މިބޯޓުތަށް ފުރަތަމަ ބޭނުންކުރާނީ ކުދި އަދި މެދުފަންތީގެ ދަތުރުތަކަށެވެ. އާންމުގޮތެއްގައި ކުރު އަދި މެދުފަންތިކިޔާ އުޅެނީ 1000 ކިލޯމީޓަރަށްވުރެ ކުރު ދަތުރު ތަކަށެވެ. މިބާވަތުގެ ބޯޓުތަކުން އެންމެ ފައިދާކުރާނީ ޤައުމުތަކުގެ "ޑޮމެސްޓިކް" ނުވަތަ އެތެރޭގެ އުދުހުންތަކަށެވެ. މިޒާތުގެ ބޯޓުފަހަރާއި މިހާރު ގެންގުޅޭ ތެޔޮއަޅާ ބޯޓުފަހަރާ އަޅާބަލާއިރު، މީތީގެ މެއިންޓަނެންސްއާއި އޮޕަރޭޝަނަލް ޚަރަދުތަށް ކުޑަވުމުން ގާތްގަނޑަކަށް އެތެރޭގެ އުދުހުންތަކަށް މިހާރުކުރާ ހޭދައިގެ 70 އިންސައްތަވަރު އަގުހެޔޮ ކުރެވޭނެކަމަށް މިދާއިރާގެ ތަޖްރިބާކާރުން ލަފާކުރެއެވެ.

އެލިސް ވައިގެތެރޭގައި އުދުހެނީ

މިޒާތުގެ އުޅަނދުފަހަރުގައި ބޯޓުގެ ނައްޓާލާއިރާއި އަދި ވައިގެތެރޭގައި ދަތުރުކުރާއިރު އިންޖީނުގެ އެއްވެސް އަޑެއް ނުހުންނާނެއެވެ. އަދި އެއްވެސްކަހަލަ ވިހަ ގޭހެއް ޖައްވުގެތެރެއަށް ބޭރުވެގެނެއް ނުދާނެއެވެ. ވީމާ މިއީ އަޅުގަނޑުމެންގެ ވަށައިގެންވާ ޤުތުރަތީ މާހައުލާ އަދި ޖައްވާގުޅޭ "ރައްޓެހި ރަހުމަތްތެރި" ބޯޓަކަށް ވެގެންދިއުން މީ މިބޯޓުފަހަރުގެ އެންމެ ބޮޑުކާމިޔާބީއެވެ

ފުރަތަމަ ބާޒާރަށް ނެރޭ ބޯޓު ދަތުރެއްގައި އެއްފަހަރާ އުފުލޭނީ 9 ފަސިންޖަރުނެނެވެ. ބޯޓު އޮޕަރޭޓުކުރާނީ މިހާރެކޭވެސް އެއްގޮތަށް ޕައިލެޓަކާއި އަދި ކޯޕައިލެޓެއްގެ އެހީގައެވެ. ކުރިންވެސް ދެންނެވުނު ފަދައިން ދަތުރުތަށް އަމާޒު ބައްޓަން ވެގެންދާނީ 700 މޭލަށްވުރެ ދިގުނޫން ދަތުރުތަކަށެވެ. މާލެއާއި އައްޑު އަތޮޅާއި ދޭތެރޭގައި ހުންނަނީ 535 ކިލޯމީޓަރެވެ. މާލެއާއި ހދ. ކުޅުދުއްފުއްޓާއި ދޭތެރޭ އުޅެނީ 280 ވަރަކަށް ކިލޯމީޓަރެވެ.

އައްޑުއަތޮޅާއި މާލޭގެ ދުރުމިން 535 ކިލޯމީޓަރ

މިބޯޓުފަހަރުން އަތްދަބަސް އަދި ލުއި ތަކެތީގެގޮތުގައި އުފުލާނީ 400 ކިލޯގެ ބަރުދަނުގެ ސާމާނެވެ. މީގެ ބޯޓެއްގެ މުޅި ބަރުދަނުގައި ހުންނަނީ އެންމެ 4 ޓަނެވެ. އުޅަނދުތަކުގައި ބޭނުންކުރަނީ މަޝަހޫރު މެގްނީ އެކްސް ކުންފުނިން އުފައްދާ "640 ކިލޯވޮޓުގެ މެގްނީ 650 ގެ އެލެކްޓްރިކް ޕްރޮޕަލްޝަން އިންޖީނެވެ".

މިއިންޖީނުން ގަޑިއަކު 645 ކިލޯމީޓަރ ބާރުމިނުގައި ބޯޓަށް ދަތުރުކުރެވެއެވެ. ކޮންމެ ބޯޓުއްގައި މިވައްތަރުގެ 2 އިންޖީނު ހުންނާނެއެވެ. އިންޖީނު ހިންގާނީ "75 ކެސެޓުގެ މައްޗަށް ބަހާލެވިފައިވާ ބެޓްރީ ބޭންކް" އަކުންނެވެ. މި ކެސެޓްތަކަކީ އެއްކެސެޓް އަނެއްކެސެޓާ ނުގުޅި ވަކިވަކި ކެސެޓްތަކެކެވެ، މީގެ ބެނުމަކީ އެއްކެސެޓު ހަލާކުވިއަސް ދެންހުރި ކެސެޓްތަކަށް އަސަރުފޯރުވުން ހުއްޓުވުމެވެ. މުޅި ބެޓެރީ ބޭންކުގައި ހުންނާނީ ޓެސްލާ މަރުކާގެ 21،500 ބެޓެރީ ސެލްސްއެވެ. މިހުރިހާ ސެލްސްތަށް ޗާޖުކުރަން ނަގަނީ ގާތްގަނޑަކަށް ދޮޅުގަޑިއިރުގެ ވަގުތެވެ. މިސާލަކަށް "ފުލައިމީ ފުލައިޓަކުން" މިވަގުތު މާލެއިން އަރިއަތޮޅު ދެކުނުބުރީ މާމިގިއްޔަށް ދާން ނަގަނީ ފަންސަވީސް ވަރަކަށް މިނެޓެވެ. މިޒާތުގެ ކުރު ދަތުރެއްނަމަ ބޭނުންވަނީ 15 ވަރަކަށް މިނެޓުގެ ބެޓެރީ ޗާޖެވެ. މުޅި ބެޓެރި ބޭންކް ފުލްކޮށް ޗާޖްކުރަން ނަގާނީ ދޮޅުގަޑިއެއްހާއިރުގެ ވަގުތެވެ. ފުލްޗާޖުގައި ބޯޓު ވައިގެތެރޭގައި އެންމެބާރު ދުވެލީގައި 3 ގަޑިއިރު މަޑުނުކޮށް ދުއްވޭނެއެވެ. އެހެންނަމަވެސް އާއްމުކޮށް މިބޯޓު ދުއްވާނީ 287 މޭލެ ބާރުމިނުގައެވެ. ދުނިޔޭގެ ގިނަ ކޮމާޝަލް ފުލައިޓުތަށް ވައިގެތެރޭގައި އާއްމުކޮށް އުދުހި އުޅެނީ (500- 600) ފައްސަތޭކައާއި ހަސަތޭކަ މޭލު ބާރުމިނުގައެވެ. ބޯއިންގ737 ގެ ބޯޓުފަހަރު އާއްމުކޮށް ދުއްވަނީ ގަޑިއަކު 588 މޭލެ ބާރުމިނުގައެވެ.

ބޯޓުގެ ބެޓެރީތަށް ޗާޖުކުރަނީ

ފަހުގެ ތާރީހުގައި މަދުން ނަމަވެސް "ލިތިއަމް ބެޓެރީ" އަށް ވައިގެ ދަތުރުތަކުގެ ތެރޭގައި މައްސަލަ ދިމާވެފައި ހުރިކަން ފާހަގަކުރެވެއެވެ. ކުރިން ބެޓެރިއަށް ދިމާވި މިފަދަ މައްސަލަތަށް ވަރަށްބޮޑަށް ދިރާސާކޮށް މިބޯޓުގައި ގެންގުޅޭ ބެޓެރިތަކަކީ ރައްކާތެރި "ބެޓެރީ މެނޭޖްމެންޓް ސިސްޓަމް" އެއް ޤާއިމުކޮށް އެއްވެސް ވަރަކަށް އަލިފާން ރޯވުން ނުވަތަ ބެޓެރީގެ ހޫނުގަދަވުން ފަދަ ކަންކަން މުޅިން ރަނގަޅު ކުރެވި މިކަމަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ރައްކާތެރި ބެޓެރީ ސިސްޓަމެކެވެ.

އެލިސް މަތިންދާބޯޓު ޖައްވުގެ ތެރޭގައި

މިބޯޓުތައް ވައިގެ ތެރޭގައި އުދުހޭނީ 3500 (ތިންހާސް ފައްސަތޭކަ) ފޫޓު އުހުގައެވެ، މަތިންދާބޯޓުގެ ދެފަޅީގެ ފިޔަގަނޑުގެ އެތެރޭގެ ޖާގައިގެ ބޮޑުބައިގެ ބޭނުންކުރެވިފައިވަނީ ބެޓެރީ ބޭންކް ބެހެއްޓުމަށެވެ. މުޅި ފިޔަގަނޑުގެ ބަރުނުގެ ދެބައިކުޅަ އެއްބަޔަކީ ބެޓެރީބޭންކުގެ ބަރުދަނެވެ.

އެލިސް ބޯޓު އެއާޕޯޓުގައި

މިވަގުތު އޭވިއޭޝަން އެއާކުރާފްޓް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ 2025 ވަނަ އަހަރުގެ ކުރިން އެފް،އޭ،އޭ (ފެޑެރަލް އޭވިއޭޝަން އޮތޯރިޓީގެ) ސެޓިފިކޭޝަންތަކާ އެއްގޮތަށް ބޯޓުގެ ހުރިހާ މިންގަނޑުތަށް ފުރިހަމަކޮށް 2027 ވަނަ އަހަރުގެ ތެރޭގައި ބޯޓުފަހަރު ވިޔަފާރިއަށް ނެރެވޭތޯއެވެ. މިހާރުވެސް މިކުންފުނިން މިޒާތުގެ 3 ބާވަތެއްގެ ބޯޓު އުފެއްދުމުގެ މަސައްކަތްތަށް ކުރިޔަށް އެބަގެންދެއެވެ. އެއީ އަގުބޮޑު ފަލައިޓުގެ ބާވަތާއި، އީކާގޯގެ ބާވަތަކާއި އަދި ކޮމާޝަލް ބާވަތެވެ. އަގުބޮޑު ފްލައިޓު ތަކުގައި ހުންނަނީ އެންމެ 6 ސީޓެވެ.

އެލިސް ބޯޓުގެ އެތެރެ

މައުލޫމާތު ލިބޭގޮތުގައި ލިބޭގޮތުގައި މިހާރުވެސް "ޑީ.އެޗް އެލް" ފަދަ ފުޅާދާއިރާއްގައި އެއާކާގޯ އުފުލާ ކުންފުނިތަކުން މިބޯޓުފަހަރު ގަތުމަށް އޯޑަރު ދީފައި އެބައޮތެވެ. ޕެރިހުގައި 2019 ވަނަ ބޭއްވުނު "ދުނިޔޭޑެ އެއާޝޯ" އަށް ދެއްވި ބަސްދީގަތުމެއްގައި "އެވިއޭޝަން އެއާކުރާފްޓްގެ ސީ،އީ،އޯ އޮމަރ ބަރ ޔޯހޭ" ވިދާޅުވީ މިފަދަ އެއާކުރާޓްތަކުން ފަސިންޖަރުންނަށް މުޅިން އާތަޖުރިބާތަކެއް ކުރެވިގެންދާނެ ކަމަށެވެ. އޭނާ ފާހަގަކުރަނީ މިބޯޓުގެ މާހައުލަކީ "ޒީރޯ އެމިޝަންސް" ނުވަތަ ޖައްވަށް ބޭރުކުރެވޭ އެއްވެސް ވިހަ މާއްދާއެއް އެކުނުލެވޭ، މުޅިން އަޑުމަޑު އަމާން އޮމާން މާހައުލެއް ކަމަށެވެ. މިކަމުން ދަތުރުކުރާ ފަސިންޖަރުންނަށް ހިތްހަމަޖެހޭ އަރާމު ލިބޭނެކަމަށެވެ.

މިއީ މަތިންދާ ބޯޓު އުފެއްދުމަށް ވޭތުވެދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި ނުގެނެވޭވަރުގެ ބޮޑު ކުރިއެރުމެކެވެ. އީޖާދީ، އިންގިލާބީ ޓެކޮނޮލޮޖިކަލް ރެވޮލޫޝަނެކެވެ. މަތިންދާބޯޓު ވައިގެ ތެރޭގައި އުދުހުމަށް "އިޔާދަކުރުވަނިވި ހަކަތަ" ނުވަތަ ގްރީން ޓެކްނޮލޮޖީ ބޭނުންކުރުމަކީ ހޯދުނު ބޮޑުކުރިއެރުމެކެވެ. މިއަހަރު އެމެރިކާގައި ކުރިއަށް ގެންދެވުނު ފުލައިޓު ޓެސްޓުތަށް ކާމިޔާބުކުރުމަކީ، މިފަދަ ހަކަތަ ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ފަސިންޖަރުންނަށް އަތްފޯރާފަށުގައި ޓިކެޓު ގަނެގެން އެއްތަނުން އަނެއްތަނަށް ދަތުރު ކުރެވޭނެކަމުގެ ފޮނި އުންމީދެކެވެ، ވަރަށްވެސް އުފާވެރި ޚަބަރެކެވެ. އަވަސް މުސްތަޤުބަލެއްގައި މިފަދަ ފުލައިޓުތައް ދުނިޔޭގެ އެކި ހިސާބުތަކުގެ އޮޕަރޭޝަންސް ފެށޭނެ ކަމުގެ އަލިގަދަ ހެއްކެކެވެ.

އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި މިވައްތަރު ބޯޓުފަހަރުގެ ބޭނުން އެންމެބޮޑަށް ޖެހޭނީ ދިވެހިރާއްޖެކަހަލަ ޖަޒީރާ އަތޮޅާއި ރަށްތަކުގެ މައްޗަށް އެކުލެވިގެންވާ ޤައުމުތަކަށެވެ. ރާއްޖޭގެ ސަރަހައްދީ ވައިގެ ދަތުރުތަކާއި، އަލަށް ބިނާކުރެވެމުންދާ އެއާޕޯޓުތަކާއި، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ ނުވަތަ އިންޑަސްޓްރިއަލް މަސައްކަތްތަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ ދުވެއްޔާއި އަދި ވަކިން ޚާއްސަކޮށް ޓުއަރިޜަމް ދާއިރާ ފުޅާވަމުންދާ ނިސްބަތާއި، އަލަށް މީހުން ދިރުއުޅޭ ރައްރަށުގައި ތައާރަފުކޮށް ތަރައްޤީ ކުރެވޭ ޓުވަރިސްޓު ހޮޓަލާއި، ގެސްޓްހައުސްތަކާއި، މުޅިން އަލށް ހުލުވާ ރެސޯޓުތަކަށް ވިސްނާލާއިރު ދެހާހުގެ މެދުތެރޭ ނުވަތަ 2030 ހިސާބުގައި ރާއްޖޭގެވެސް ޑޮމެސްޓިކު އެއާޕޯޓުތަކުން ރެސޯޓުތަކަށާއި، އަތޮޅުތެރޭގެ އުދުހުންތަކަށް މިޒާތުގެ ބޯޓުފަހަރު ފެނުމަކީ އެކަށީގެންވާ އަދި އުންމީދުކުރެވޭ މަންޒަރެކެވެ.