ޗައިނާގެ ކުރީގެ ރައީސް ޖިއާންގް ޒެމިން އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 96 އަހަރުގެ ކުރީގެ ރައީސް ޖިއާންގް ޒެމިން އަވަހާރަވީ މިއަދުގެ ވަގުތެއްގައި ޝަންހާއީގައި ކަމަށް ޗައިނާ ސަރުކާރުގެ ޒިންހުއާ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

ޖިއާންގް ޒެމިން އަވަހާރަވީ، ލޫކީމިއާގެ އާލާސްކަންފުޅަށް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދަނިކޮށް ހަށިކޮޅުގެ އެތައް ގުނަވަނެއްގެ މަސައްކަތް ހުއްޓިގެންނެވެ.

1980 ގެ އަހަރުތަކުން ފެށިގެން އައު ސާސްކަފް ފެށުމާ ދެމެދު ޗައިނާއަށް ގެނައި އިންގިލާބީ ބޮޑެތި ބަދަލުތަކުގެ އެންމެ އިސް މޭސްތިރިއަކީ ޖިއާންގް ޒެމިންއެވެ. އޭނާ ޗައިނާގެ ރައީސްކަމުން ރިޓަޔަރ ކުރައްވާފައިވަނީ 2003 ވަނަ އަހަރުއެވެ.

ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ މެމްބަރުކަން ޗައިނާއަށް ލިބުނީ ޖިއާންގް ޒެމިންގެ ވެރިކަމުގައެވެ. އަދި 2008 ވަނަ އަހަރުގެ އޮލިމްޕްކްސް ކުޅިވަރު މުބާރާތް ބޭއްވުމުގެ ބިޑް ޗައިނާއިން ކާމިޔާބުކުރީވެސް އަދި ޗައިނާ ދުނިޔޭގެ އެންމެ ވަރުގަދަ ބާރަކަށްވުމަށް ދަތުރުފެށީވެސް އޭނާގެ ވެރިކަމުގައެވެ.

ރައީސްކަމުން ވަކިވެވަޑައިގެންނެވި ފަހުންވެސް ޖިއާންގް ޒެމިންގެ ނުފޫޒު ޗައިނާގައި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީތެރެއިން ކެނޑިގެން ނުދެއެވެ. މިހާރުގެ ރައީސް ޝީ ޖިންޕިންގް 2012 ވަނ އަހަރު ވެރިކަމަށް ގެނައުމުގެ ފަހަތުގައިވަނީވެސް ޖިއާންގް ޒެމިންގެ ނުފޫޒެވެ.

ޖިއާންގް ޒެމިންގެ ސިއްހީ ހާލުކޮޅާމެދު ސުވާލު އުފެދެންފެށީ، މިދިޔަ މަހު ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ފެށުމުގެ ޖަލްސާއިންވެސް އަދި ނިންމުމުގެ ޖަލްސާއިންވެސް ޖިއާންގް ޒެމިން ނުފެނުމުންނެވެ. އެ ކޮންގްރެސްގައި، ވެރިކަމުގެ ތިންވަނަ ދައުރަކަށް ޝީ ޖިންޕިންގްވަނީ އިންތިޚާބު ކޮށްފައެވެ.