ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ދައުވާއާ ގުޅިގެން ޙުކުމް ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުން ކުރިއަށް ގެންގޮސްފައެވެ. މިއާއެކު މިމައްސަލައިގެ ޝަރީއަތުގެ އަަޑުއެހުންތައް ނިމުނީއެވެ. ދެން އޮންނާނީ ޙުކުމް ކުރުމުގެ މަޖިލީހެވެ.

މިއަދު އޮތް ހުލާސާ ބަޔާން އިއްވުމުގެ މަޖިލީހުގައި ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ވަކީލުންނާއި، ޔަމީންގެ ވަކީލުން އަދި ޔޫސުފް ނައީމް ގެ ވަކީލުން ގެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވިއެވެ.

އަޑުއެހުން ނިންމަވާލައްވަމުން، މައްސަލަ ބައްލަވާ، ކޯޓުގެ އިސް ޣާޟީ އަހުމަދު ޝަކީލް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި އޮންނަ ގޮތުގެ މަތިން ދެން އޮންނާނީ ޙުކުމް އިއްވުމަން ކަމަށެވެ. އަދި ޤާނޫނުގައި އޮންނަ ގޮތުގެ މަތިން، 30 ދުވަހުގެ ތެރޭގައި އެ މަޖިލިސް ބާއްވާނެ ކަމަށް ޣާޟީ ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ކުރަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އެއީ އެ މުއާމަލާތާ ގުޅިގެން ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ އަހްމަދު ކްރިކް ރިޒާ (ކްރިކް ރިޒާ) ލައްވައި ރިޝްވަތުގެ ގޮތު ގައި 1.3 މިލިއަން ޑޮލަރު ގަބޫލުކޮށް އޭގެ ތެރެއިން 1.1 މިލިއަން ޑޮލަރު ސަން ކުންފުނީގެ ދެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެެއެވެ.

އެކަމަކު މިދައުވާަތަކަށް އެމަނިކުފާނު އިންކާރު ކުރައްވައެވެ.