ގުދުރަތީ ގޭހުގެ އިތުރު ދެދަނޑު، ސައުދީ އަރަބިއްޔާއިން އަލަށް ފެނިއްޖެއެވެ.
މިކަން މިއަދު އިއުލާން ކުރެއްވީ ސައުދީ ސަރުކާރުގެ މިނިސްޓަރ އޮފް އެނަރޖީ ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާންއެވެ.
ގުދުރަތީގެ ގޭހުގެ އައު ދެދަނޑު ފެނުނީ ސައުދީ އަރަބިއްޔާގެ އީސްޓަރން ޕްރޮވިންސުން ކަމަށްވެސް ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވިއެވެ.
ގޭސް ދަނޑުތައް ހޯދާފައިވަނީ ސައުދީ ސަރުކާރުގެ ތެލާއި ގޭހުގެ މައި ކުންފުނި އަރަމްކޯއިންނެވެ.
މީގެތެރެއިން "އައުތާދް" ގެ ނަން ދީފައިވާ ގޭސްދަނޑު ހޯދާފައިވަނީ އީސްޓަރން ޕްރޮވިންސްގެ ދެކުނުހުޅަނގަށް އޮންނަ ޣަވަރް ސަރަހައްދުންނެވެ.
"އައްދަހްނާ" ގެ ނަން ދީފައިވާ ގޭސްދަނޑު ހޯދާފައިވަނީ ދަހްރާން ސިޓީގެ ދެކުނުހުޅަނގުގެ ސަރަހައްދުންނެވެ.
މިކަމުގެ ސަބަބުން ސައުދީ އަރަބިއްޔާގައި ހުރި ގުދުރަތީ ގޭހުގެ ރިޒާރވް އިތުރަށް މުއްސަނދި ވެގެންދާނެ ކަމަށް ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ސައުދީ ސަރުކާރުގެ ލިކުއިޑް ފިއުލް ޑިސްޕްލޭސްމަންޓް ޕްރޮގްރާމާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމާއި، މަގްސަދުތައް ހާސިލްކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި މިކަމަކީ، ސައުދީ އަރަބިއްޔާއަށް ލިބިފައިވާ ގުދުރަތީ މުއްސަނދިކަން ހާމަވެގެންދާ ކަމެއް ކަމަށްވެސް ޕްރިންސް އަބްދުލްއަޒީޒް ބިން ސަލްމާން ވިދާޅުވިއެވެ.