މިދިޔަ ޖުލައި މަހުގެ ތެރޭގަ ކަނޑައެޅި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ތަޢާރަފްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު މިއަދުން ފެށިގެން ފައިސާގެ ތެރޭގައި ދައުރުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހާމަކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ އެ އިދާރާއިން އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުގައި ކަމަށްވެސް އެމްއެމްއޭއިން ބުނެއެވެ.
މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޚަކީ 8 ސެޕްޓެމްބަރ 2022، 12 ޞަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.އަދި މި ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެކަމަށް އެމްއެމްއޭ އިން ބުނެއެވެ.
ގެންގުޅެން ފަސޭހަ ރައްކާތެރި އަދި ޒަމާނީ ގޮތަކަށް އުފައްދާފައިވާ މި ނޫޓުތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު މި ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ނޫޓުގެ ސީރިއަލް ނަމްބަރާއި މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނާނެއެވެ. މިއީ އާދައިގެ އަލީގައި ފެންނާނެ ހުންނާނެ އެއްޗެއްނޫނެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ ފައިސާގެ ނޫޓުތައް ތަޢާރަފްކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.