ނިޝާން ދިޔަމިގިލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް މިއަދު ސޮއިކުރައްވައިފިއެވެ.

ނައިބު ރައީސް ލިޔުއްވި ލިޔުއްވުމުގައި ވަނީ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބަކީ ލިޔުންތެރިކަމުގައި ނަމޫނާ ބޭފުޅެއް ކަމަށާއި ދިވެހި ބަހަށް އެކަމަނާ ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވާފައެވެ.

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ތަޢުޒިޔާގެ ދަފުތަރު ހުޅުއްވައިދެއްވައި އެންމެ ފުރަތަމަ ލިޔުއްވީ ފަންނާ ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫންއެވެ.

ދިވެހިބަހުގެ އެކަޑަމީން ހުޅުވާލާފައިވާ ތައުޒިޔާގެ މި ދަފްތަރުގައި ޝުއޫރުފާޅުކުރުމަށާއި ލިޔަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.

މިކަން ކުރިޔަށްދާނީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 09:00 އިން 13:30 އަށް ދިވެހި ބަހުގެ އެކަޑަމީގައެވެ.

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބް އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިމަހުގެ 21 ވަނަ ދުވަހުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ.

ދައުލަތަށް 49 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ހަބީބާ ސަރުކާރުގެ ޚިދްމަތުގައި އެންމެ ގިނަދުވަހުމަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ. 29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދްމަތް ކުރެއްވިއިރު، ތަފާތު މަގާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައެވެ.ޤައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަގާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ. ޙަބީބާ ޙުސައިން ޙަބީބަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެ ކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޤަރުނުފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢުލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ޘަޤާފަތާބެހޭ މަޢުލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

އަލްމަރްޙޫމާ ޙަބީބާ ޙުސައިން ޙަބީބަކީ، ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ކިޔަވާ ވިދާޅުވީ، ހައިދަރުއާބާދުންނާއި، ސްރީލަންކާއިންނެވެ. ރާއްޖޭގެ ތާރީޚަށް ސަމާލުކަން ދެއްވައި، ތާރީޚުގެ ތެރެއަށް އެ ކަމަނާ ވެދެވަޑައިގެންނެވީ، 1955ން ފެށިގެން އައި އަހަރުތަކުގައި މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލްގެ މުދައްރިސާއެއްގެ ވަޒީފާގައި ހުންނެވި ދުވަސްވަރު، ތާރީޚު އުނގަންނަވައިދެއްވަން ފެށްޓެވުމާ ހިސާބުންނެވެ. ލިޔުންތެރިކަމުގެ މަސައްކަތް، އަލްމަރްޙޫމާ ޙަބީބާ ޙުސައިން ޙަބީބް ފެއްޓެވީ 1954 ވަނަ އަހަރުއެވެ.

އަލްމަރްޙޫމާ ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފްވެރިކަމުގެ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު، 1981 ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ. "މިނިވަން 25"ގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެއިތުރުން، "ނޫސްވެރިކަމުގެ ރަން ގަލަން" ވެސް އެ ކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ. ޙަބީބާ ޙުސައިން ޙަބީބަށް "ނިޝާން ދިޔަމިގިލީގެ ޝަރަފްގެ ޢިއްޒަތް" އެރުވީ، 2011 ވަނަ އަހަރުގެ މިނިވަން ދުވަހުއެވެ.