"ފުޓްބޯޅަފޯރީ"ގެ ނަމުގައި އުރީދޫ އިން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން މިއަދު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އުރީދޫ އިން ބުނެފިއެވެ.

ވޯލްޑް ކަޕްގެ ފޯރި އިތުރުކުރުމަށް ބާއްވަން ރާވާފައިވާ މި ކުޑަކުދިންގެ ހަވީރު އޮންނާނީ މިއަދު ހަވީރު 04:00ގައި އާޓިފިޝަލް ބީޗްގެ ފޭންޒޯންގައި ކަމަށް އުރީދޫ އިން ބުނެއެވެ. އަދި މި ހަވީރުގައި އުރީދޫގެ އެމްބެސެޑަރުން ކަމަށްވާ މާޒިޔާގެ ކުޅުންތެރިންވެސް ބައިވެރިވާނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

މި ހަރަކާތުގައި އެކި އުމުރުފުރައިގެ ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މިއީ ވޯލްޑްކަޕްގެ ފޯރީގައި ވީހާވެސް ގާތުން ކުޑަކުދިން ބައިވެރިކުރުމުގެ ގޮތުން ހިންގާ ޙަރަކާތެކެވެ.

މި ހަވީރުގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ފުޓުބޯޅައާއި ގުޅުންހުރި ތަފާތު އެކިކަހަލަ ކުޅިވަރުތައް ރާވާފައިވާ ކަމަށާއި އޭގެތެރޭގައި މިނީ ގޯލު ޝޫޓާއި، ހެޑިން ޗެލެންޖާއި، ޕެނަލްޓީ ޝޫޓުގެ އިތުރުން ޓޫ އޮން ޓޫ ޗެލެންޖު ހިމެނިފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.

އުރީދޫ އިން އަންނަނީ ދިވެހިންގެ މެދުގައި ވޯލްޑްކަޕްގެ ފޯރި އިތުރުކުރުމަށް ގިނަ ޙަރަކާތްތަކެއް ރާވާ ހިންގަމުންނެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 213 އުރީދޫ ފޭން ޒޯން ރަސްމީކޮށް ވަނީ އިފްތިތާހުކޮށްފައެވެ.

އަދި ވޯލްޑްކަޕާ ގުޅުވައިގެން އުރީދޫގެ ޚާއްސަ ޕްރޮޑަކްޓްތަކެއްވެސް ވަނީ ލޯންޗްކޮށްފައެވެ.