ސްރީލަންކާގެ ޓުއަރިޒަމް ސެކްޓަރގައި ދިވެހިރާއްޖެއިން އިންވެސްޓް ކޮށްދިނުމަށް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އެދިވަޑައިގެންފިއެވެ.

ސްރީލަންކާގެ ރައީސް މިކަމަށް އެދިވަޑައިގެންނެވީ ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލްއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

ހައި-އެންޑް ޓުއަރިޒަމް ސެކްޓަރގެ އިތުރުން، ސްރީލަންކާގެ ހައި-ޓެކް އެގްރިކަލްޗަރ އަދި ކްރޫޒް ޓުއަރިޒަމްގައިވެސް ދިވެހި ރާއްޖެއިން އިންވެސްޓް ކޮށްދިނުމަށް ސްރީލަންކާގެ ރައީސް އެދިވަޑައިގެންފައި ވެއެވެ.

މިކަމާ ގުޅޭގޮތުން، ސްރީލަންކާގެ ރައީސްގެ މީޑިއާ ޑިވިޜަމުން ބުނެފައިވަނީ، ސްރީލަންކާގެ ރައީސް، ދިވެހިރާއްޖޭގެ ކިބައިން އެކަމަށް އެދިވަޑައިގެންނެވީ، ދިވެހިރާއްޖެއާއި، ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރި ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި ކަމަށެވެ.

ސްރީލަންކާ ސަރުކާރުން ކްލައިމެޓް ޗޭންޖް ޔުނިވަރސިޓީއެއް ގާއިމްކުރަން މަސައްކަތް ކުރަމުން ގެންދާއިރު، އެކަމުގައިވެސް ރާއްޖެއިން ބައިވެރިވެދިނުމަށް ސްރީލަންކާގެ ރައީސް ރަނިލް އެދިވަޑައި ގެންފައި ވެއެވެ.

މީގެއިތުރުން، ސަރަހައްދުގައި ފުޅާދާއިރާއެއްގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވުމާ ގުޅޭގޮތުންވެސް ސްރީލަންކާގެ ރައީސާއި، ރާއްޖޭގެ ނައިބް ރައީސް ފައިސަލް މަޝްވަރާ ކުރައްވާފައި ވެއެވެ.

އަދި މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ސްރީލަންކާއިން ކުރަމުންދާ މަސައްކަތުގައި ރާއްޖޭގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވިއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހް ސްރީލަންކާއަށް ދަތުރުފުޅެއް ކުރެއްވުމަށް ދައުވަތު ދެއްވަން ބޭނުންފުޅުވާ ކަމަށް، ސްރީލަންކާގެ ރައީސް ރަނިލް، ނައިބް ރައީސް ފައިސަލް ދެންނެވި ކަމަށާއި، ނަމަވެސް، ދައުވާތު ދެއްވާނީ މިއަހަރު ޖުލައިމަހުގެ މުޒާހަރާތަކުގައި ހަލާކުކޮށްލާފައިވާ ރައީސްގެ ރަސްމީ ގެކޮޅުގެ މަރާމާތުތައް ނިމުމުން ކަމަށް ރަނިލް ވިދާޅުވިކަމަށް ސްރީލަންކާ ރައީސް އޮފީހުގެ މީޑިއާ ޑިވިޜަނުން ބުނެފައި ވެއެވެ.