މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީވެސް މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހާ ކަންކަމުގައި ފުރިހަމައަށް ޝާމިލުވެވޭނެ މާހައުލެއް ޤާއިމުކުރުމަށް ބާރު އަޅާ، މިހާރަށްވުރެ ބޮޑަށް އެފަދަ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތްކުރުމެވެ. މިއަހަރުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވެސް ފާހަގަކުރަމުން އަންނައިރު، ދައްކަން އޮތީ ފަސޭހަ ވާހަކައެއް ނޫނެވެ.

އާދެ، ދެއްކެން އޮތީ އިހުމާލުގެ ވާހަކައެކެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރަށް ހަތަރު އަހަރު ފުރި ދައުރުގެ ފަހު އަހަރުގެ ދުވަސްތައް ގުނަމުން ދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެފައިވާ އިހުމާލުގެ ވާހަކައެވެ. އެތައް އާއިލާއެއްގެ މަސްލަހަތު އޮތް މިވާހަކަ ނުދައްކާ ދޫކޮށްލައިފިނަމަ އެވެވެނީ އަދި މާބޮޑު އިހުމާލެއް ނޫންތޯއެވެ؟

އެކަނިވެރި މައިންނަށާއި ބަފައިންނަށްދޭ އެލަވެންސް 10،000 ރުފިޔާއާ ހަމަައަށް ބޮޑު ކުރެވޭ ގޮތަށް އެލަވަންސް ދޭ އުސޫލު މިސަރުކާރުން 2019 ވަނަ އަހަރު ވަނީ އިސްލާހުކޮށްފައެވެ. އެކަމަކު އެވާހަކަ ބާއްވަމާ ހެއްޔެވެ؟ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވެންސް ބޮޑުކުރުމަކީވެސް ރައީސް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ އަހަރު ފުއްދަން ވައުދުވެވަޑައިގަތް ކަމެކެވެ. ކެމްޕެއިންގެ ތެރޭގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަރަށް ސާފު އިބާރާތުން އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެލަވެންސްއަށް ބަދަލު ގެންނާނެ ކަމަށެވެ. އެކަމަކު ދައުރުގެ ބޮޑުބައި ނިމުނުއިރު ވެސް އެވިދާޅުވި ބަދަލެއް ނުގެނެވުނެވެ.

އެކަމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރާނެ ކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. އަދި އޭގެ ފަހުން މިއަހަރުގެ ސެޕްޓެމްބަރު މަހު ލ. ގަމުގައި ކުރިޔަށްދިޔަ، ވިއަވަތި ރާއްޖެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވަނީ ހަމަ އެވާހަކަ ތަކުރާރުކުރައްވާފައެވެ. ރައީސް ވިދާޅުވީ މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި އެލަވެންސް ބޮޑުކުރާނެ ކަމަށެވެ. އެކަމަކު، އަދިވެސް އެލަވެންސްއަށް ބަދަލު ނުގެނެވޭއިރު މިހާރު ގުނަމުން މިދަނީ އަހަރުގެ ފަހު ކުއާޓަރުގެ އަދި 2022 ވަނަ އަހަރުގެ ވެސް ފަހު މަހުގެ ދުވަސްތައްކަން ފާހަގަކޮށްލަމެވެ.

ރާއްޖޭގެ އާބާދީގައި 36000 އަށްވުރެ ގިނަ ނުކުޅެދުންތެރިކަމުގެ އެކި ޙާލަތު ކުރިމަތިވެފައިވާ މީހުންނަށް އިނާޔަތް ނުދެވި ލަސްވާ ސަބަބެއް ކަމަށް ބުނެ ސަރުކާރުން ފުރަތަމަ ދެއްކި ބަހަނާއަކީ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ނުނިމި އޮތުމެވެ. ފަސް އަހަރުގެ ދައުރެއްގެ މިހާ ހިސާބަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކަލަވާނުލެވުމުން އަޅުގަނޑު ނޫނަސް އެތައް ބަޔަކު ހައިރާންވާނެއެވެ. ހަގީގަތުގައި ވެސް މިއީ ހައިރާންވެ އަންތަރީސްވާ ވަރުގެ ކަމެކެވެ. ދެން އޮތީ މިހާރު ދައްކާ ބަހަނާއެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ނުކުރެވި އޮތް ކަމަށް ބުނާ ބުނުމެވެ.

މިފަހުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އިނާޔަތް ބޮޑުވެގެންދާނެ ކަމަށާއި މިހާރު ކުރިއަށްދަނީ ގިންތިކުރުމުގެ މަސައްކަތް ކަމަށެވެ. އެކަން ނިމުނުން އެލަވެންސް ބޮޑު ކުރާނެ ކަމަށެވެ.

ބަހަނާއަކަށް ފަހު ބަހަނާއެކެވެ.