ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ "މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމު"ގެ 12 ވަނަ ބުރު ފަށައިފިއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމަށް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން މުޙައްމަދެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މި ޕްރޮގްރާމުގެ ސެޝަންތަކުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ޚުލާސާއާއި މިޤާނޫނުން އަލަށް ތަޢާރަފްކުރެވުނު ހަމަތަކާއި ބަދަލުތަކާ ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމަށެވެ. އަދި މަދަނީ މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީކުރުމާއި އިދާރީ ކަންކަމުގެ އިތުރުން ޣައިރު ހާޟިރުގައި ހުކުމްކުރުމާއި ޝަރީޢަތް ހިންގުމަކާނުލާ މައްސަލަ ނިންމުމާ ގުޅޭ ގޮތުން މައުލޫމާތު ދެވޭނެކަމަށްވެސް ޑީޖޭއޭ އިން ބުނެއެވެ. މީގެ އިތުރުން އިޚްތިލާފެއްނުވާ ބާވަތްތަކުގެ މައްސަލަތައް ހިންގާނެ ގޮތާއި، ކޯޓު އަމުރު ނެރުމާއި ވަގުތީ އަމުރު ނެރުމުގެ އިޖުރާއަތުތައްވެސް ބައިވެރިންނަށް ކިޔައިދެވޭނެ ކަމަށްވެސް ޑީޖޭއޭއިން މަޢުލޫމާތުދެއެވެ.

މިއަދު ފެށުނު ތަމްރީން ޕްރޮގްރާމްގައި ރ، ބ، ކ، އއ، އދ އަދި ގދ ގެ ޖުޑީޝަލް ދާއިރާތަކުން ޖުމްލަ 60 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް ޑީ.ޖޭ.އޭއިން ބުނެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި ، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެމަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލާފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގެ އާއްމު މަޤްޞަދަކީ، ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއްނިންމުމަށް މަގުފަހިކުރުވުމެވެ.