ރ. އުނގޫފާރު އިސްލާމީ މަރުކަޒަށް ހެޔޮއެދޭ ފަރާތަކުން 16 އޭސީ ހަދިޔާކޮށްފިއެވެ.

މިދިޔަ މަހު ރ. އުނގޫފާރު ކައުންސިލްގެ މެންބަރުންނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަކުރެއްވުމައި ގުޅޭ ގޮތުން "ވީނިއުސް"އިން ސުވާލުކުރުމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ކައުންސިލާއި އެމިނިސްޓްރީ އާއި ދެމެދު ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި، އުނގޫފާރު އިސްލާމީ މަރުކަޒުގެ މިސްކިތު ބައިގައި އޭސީ ހަރުކުރުމާއި ގުޅޭ ގޮތުންނާއި، ކުރިއަށް އޮތް އެކައުންސިލްގެ ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާނެ ފަރާތްތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އިސްލާމީ ތަޢުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަޤްޞަދުގައި ޢިމާރާތްކޮށްފައިވާ މިމަރުކަޒުގައި ހަތަރު ކުލާސް ރޫމް، ލައިބްރަރީ، ޕޭންޓްރީ، އެޑްމިން އޮފީސް، ޖަލްސާކުރާ ހޯލެއް ހިމެނެއެވެ. ދެފަންގިފިލާއަށް ހަދާފައިވާ މިމިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަޙައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެ ގޮތަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، މިމަރުކަޒަށް ނަންދީފައިވަނީ މަސްޖިދު އައްދުކްތޫރު އަފްރާޝިމް ޢަލީގެ ނަމުންނެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ޚަރުދުކޮށްގެން، ޢިމާރާތްކޮށްފައިވާ މިތަނުގައި މިހާތަނަށް އޭސީ ކުރެވިފައި ވަނީ ހަމައެކަނި މަރުކަޒު ބައިގައެވެ. ނަމާދުކުރާ ބައިގައި އޭސީ ނުހުންނާތީ ހޫނުގަަދަ ދުވަސްވަރު އާންމުން ޝަކުވާކުރެއެވެ. އެކަމަކަށް ހައްލެއް ގެނެއުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ކައުންސިލުން ވަނީ ހެޔޮއެދޭ ފަރާތެއްގެ އެހީގައި މިސްކިތަށް 16 އޭސީ ހޯދާފައެވެ.

މީގެ އިތުރުން، މަރުކަޒު ބައިގައި ހުރި އޭސީތަކުގައި ބައެއް މައްސަލަތައް ހުރުމުން މަރާމާތުކުރުމާއި ގުޅޭ ގޮތުން ވެސް އިސްލާމިކް މިނިސްޓަރާއި އެރަށު ކައުންސިލުން ވަނީ ވާހަކަދައްކާފައެވެ.

އުނގޫފާރުގައި ހުރި މިމަރުކަޒު ބިނާކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކުރީގެ ސަރުކާރުން 2017 ވަނަ އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހުގައެވެ. އަދި އެމިސްކިތުގެ މަސައްކަތް ނިންމާފައިވަނީ 2020 އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.