މުޖުތަމައުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް އެޗްޑީ.ސީގެ ދެ މުވައްޒަފަކު އެންބަސެޑަރުންނަށް ކަޑައަޅައިފިއެވެ.

އެޗްޑީސީން ބުނީ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާއި ގުޅިގެން އެކުންފުނީގެ ހުޅުމާލޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާހިމަނައި އެފަދަ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް މަސައްކަތްކޮށް ލާމެހިފައިވާ ވެއްޓެއް ބިނާ ކުރުމަށް އެޗް.ޑީ.ސީގެ މުވައްޒަފުންގެ ތެރެއިން ދެ އެމްބެސެޑަރެއް އައްޔަނުކޮށްފައިވާ ކަމަށެވެ.

މިގޮތުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ތަމްސީލުކުރުމަށް އެޗްޑީސީން އައްޔަންކޮށްފައިވަނީ އެ ކުންފުނީގެ ދެ މުވައްޒަފުން ކަމުގައިވާ އާމިނަތު އިރާޝާ އާއި އަހުމަދު ނަޖީބްއެވެ. އެޗް.ޑީ.ސީން ބުނީ އެ އިދާރާގެ ހޮޓްލައިން 1516 އިން އެމްބެސެޑަރުންނަށް މައްސަލަތައް އަދި ހިޔާލުތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި ކަމަށެވެ.

އެޗްޑީސީން އެކުލަވާލި ޑިސޭބިލިޓީ އެމްބެސެޑަރުންގެ މަސްޢޫލިއަތްތަކުގެ ތެރޭގައި ހިމެނެނީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް މުޖުތަމައުގައި ފަހިކުރުމަށްޓަކާއި ވެށި ބިނާކުރާއިރު އެޗް.ޑީ.ސީއަށް މުޖުތަމައުގެ އެފަދަ ފަރާތްތަކުގެ ހިޔާލާ މަޝްވަރާ ފޯރުކޮށްދިނުމާއި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އަލަށް ދިމާވާ ދަތިތައް ފާހަގަކޮށް އެޗްޑީސީއަށް ހުށައަޅައި އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްކޮށް އެމަސައްކަތްތައް ކުރިއަށްދާ މިންވަރު މޮނިޓަރ ކުރުމުގެ އިތުރުން ނުކުޅެދުންތެރިމުގެ ދާއިރާއިން މުޖުތަމަޢު ހޭލުންތެރިކުރުމަށް އެޗް.ޑީސީން ރާވާ ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުމެވެ.