މިނިވަން މުއްސަސާތަކުގެ މެދުގައި ބާއްވާ "މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތް މިއަދު ފަށާނެކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

މިއީ ދަޢުލަތުގެ މިނިވަން މުއްސަސާތަކުގެ ގުޅުން ހަރުދަނާކޮށް މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫހުއާލާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރެކްރިއޭޝަން ކްލަބާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރެކްރިއޭޝަން ކްލަބުން އިސްނަގައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މި މަހުގެ 4 އިން 10 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އޭސީސީ އަދި އެޗްއާރުސީއެމްގެ އިތުރަށް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި އޮޑިޓަރ ޖެނަރަލްގެ އޮފީހާއި، މީރާއާއި ރައްޔިތުންގެ މަޖިލީހާއި ޑީޖޭއޭއާއި ޖޭއެސްސީ އާއި ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހާއި އޮމްބަޑްސް ޕަރސަން ފޮރ ޓްރާންސިޝަނަލ ޖަސްޓިސް އާއި ސިވިލްސަރވިސް ކޮމިޝަނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އަދި ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވެސް ބައިވުމަށް ހަމަޖެހިފައިވާކަމަށް އޭސީސީއިން ބުނެއެވެ.

އަންހެން އަދި ފިރިހެން ދެ ޑިވިޝަނަށް ބަހާލާއިގެން ވަކިވަކިން ކުރިއަށްގެންދާ މި މުބާރާތުގައި އަންހެން 11 ޓީމާއި، ފިރިހެން 12 ޓީމުން ބައިވެރިވާކަމަށާއި ޗެމްޕިއަން ޓީމަށް 10000 ރުފިޔާއާއި މިލްކުވާ ތަށީގެ އިތުރުން ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރުއަތުލުން މިހާރު ބާއްވާފައިވާކަމަށްވެސް އޭސީސީއިން މަޢުލޫމާތުދެއެވެ.

"މިނިވަން ކަޕް 2022" ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި މުބާރާތް ބޭއްވުމުގައި އެމްޑަބްލިއުއެސްސީ އަދި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށްވެސް އޭސީސީއިން ހާމަކުރައްވައެވެ.