ފީފާ ވޯލްޑް ކަޕަކީ ހަތަރު އަހަރުން އެއް އަހަރު އަންނަ ކުޅިވަރުގެ ބޮޑު ޢީދެކެވެ. ފުޓުބޯޅައަކީ މުޖުތަމައުގެ އަފުރާދުންގެ ގުޅުން ބަދަހިކުރުވާ އެއްބައިވަންތަކަން އާލާކޮށްދޭ ކުޅިވަރެއްކަން މާޒީއަށް ބަލާލުމުން އެބަ ހާމަވެއެވެ. ފުޓުބޯޅައާ ހަމައިން އަހަރެމެން އެންމެން ވެސް ސިޔާސީ އަދި ޒާތީ ތަޢައްސަބުން އެކަހެރިވަމެވެ.
މިފަދަ ބޮޑެތި މުބާރާތްތައް ކުރިއަށްދާއިރު، ކުޅިވަރުގެ ރޫހާ އެއްގޮތަށް ތިމާ ސަޕޯޓުކުރާ ޓީމަކަށް ސަޕޯޓުކުރުމަކީ މައްސަލައެއް ނޫނެވެ. ތިމާގެ ގައުމު ވާދަނުކުރާނަމަ ފުޓުބޯޅައިގައި ތިބާގެ "ފެވަރިޓުން" ތިބި އެހެން ގައުމެއްގެ ޓީމަކަށް ސަޕޯޓުކުރުމަކީ ވެސް ގޯހެއް ނޫނެވެ. އެކަމަކު ރަނގަޅު ކޮށްލަންޖެހޭ ހަމަ އެންމެ ކަމެއް ފާހަގަކުރެވުމުން އެވާހަކަ ހިއްސާކޮށްލަން ބޭނުމެވެ. މިއީ މަޖީދީ މަގަށް ވާގޮތަށް ހުރި އިމާރާތެއްގައި ދިރިއުޅޭ ޒުވާނަކު ފޭސްބުކްގައި ވީޑިއޯއަކާއިއެކު ހިއްސާކުރި ކަންބޮޑުވުމެކެވެ. ހަގީގަތުގައި މިއީ ވަރަށް ގިނަ ބައެެއްގެ ކަންބޮޑުވުމެކެވެ.
ވީޑިއޯއިން ފެންނަނީ ވޯލްޑް ކަޕްގެ މެޗެއް ނިމުމުން، އެމެޗުން މޮޅުވި ޓީމުގެ ގިނައަދަދެއްގެ ސަޕޯޓަރުން ސައިކަލުތަކުގައްޔާއި ފައިމަގުގައި ނުކުމެ މަގުމަތީ ހަޅޭއްލަވައި އަޑުގަދަކުރާ މަންޒަރެވެ. ސައިކަލުތައް ދުއްވަމުން ދިޔައީ ކެނޑިނޭޅި ބަރުގޮނު އަޅަމުންނެވެ. އެންމެން ކަހަލަ ގޮތަކަށް ގަދަ އަޑުން ހަޅޭއްލަވައެވެ. އެއްރޭ ދަންވަރު ޑިއުޓީ ނިންމާލާފައި ގެއަށްދިޔަ މަގުމަތީގައި އަޅުގަނޑުވެސް މިފަދަ މަންޒަރެއް ދުށީމެވެ. އާންމު ގޮތެއްގައި މިކަން ހިނގާ ކަމަށް ފާހަގަކުރެވެނީ ފޭނުން ގިނަ ޓީމެއްގެ މެޗު ނިމޭ ވަގުތުތަކުގައެވެ.
އެމީހުން އެކަން ކުރަނީ އުފާފާޅުކުރުމުގެ ނިޔަތުގައި ކަމަށް ވެދާނެއެވެ. އެކަމަކު އެކަމުގެ ސަބަބުން އެހެން ބަޔަކަށް ތުރާ ވެދާނެކަމަށް އެކެއްގެ ވިސްނުމަށް ވެސް އައި ބާވައެވެ؟ ފޭސްބުކްގައި ވީޑިއޯ ހިއްސާކުރި ޒުވާނާގެ މައިގަނޑު ކަންބޮޑުވުމަކީ އެގޮތަށް ރޭގަނޑުގެ ވަގުތު މަގުމަތީގައި ހަޅޭއްލަވައި އަޑުގަދަކުރުމުން ކައިރި ގޭގޭގައި ދިރިއުޅޭ މީހުންނަށް އުނދަގޫވުމެވެ. ހާއްސަކޮށް ނިދާފައި ތިބޭ ތުއްތު ކުދިންނަށް އަސަރުކުރުމެވެ.
ވޯލްޑް ކަޕްގެ ތެރެއިން އަހަރެމެންނަށް މިފެންނަ އެއްބައިވަންތަކަމާއި ޖޯޝާއި ފޯރިއަކީ ހިތަށް އުފާވެރިކަން ގެނުވާ ކަމެކެވެ. އެކަމަކު ވޯލްޑް ކަޕްގެ ފޯރީގައިވެސް އާއްމު އުނދަގުލަކަށް ކަންކަން ނުވާނެހެން ކުރިއަށް ގެންދިޔުމަކީ އެންމެ އެދެވޭ ގޮތެވެ. މަގުމަތީވެސް އުފާފާޅުކުރެވިދާނެއެވެ. އެކަމަކު އާއްމު ދަތުރުފަތުރަށް ބުރޫނާރާނެހެނެވެ. މުޅި މުޖުތަމައުގެ މަސްލަހަތަށްވެސް ވިސްނައިގެންނެވެ.
ފޭންޒޯންތަކުން ފެންނަ އެކުވެރިކަމާއި އެއްބައިވަންތަކަން ފެނުމުން ހިތަށް އަރައެވެ. ވޯލްޑް ކަޕް ނިމުނު ކަމުގައިވިޔަސް މިއެކުވެރިކަމާއި އެއްބައިވަންތަކަން ފެންނާނެނަމަ ހާދަ އުފާވެރި ގައުމަކަށް މިކުޑަކުޑަ ރާއްޖެ ވީހެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 5 ސިޓީއެއްގެ 8 ދަނޑެއްގައި ކުޅޭއިރު، މުބާރާތުގައި ޖުމްލަ 32 ޓީމު ވާދަކުރެއެވެ. މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ގަތަރަށް ލިބުނީ އެމެރިކާ އާއި، ސައުތު ކޮރެއާ އާއި، ޖަޕާން އަދި އޮސްޓްރޭލިއާއާ ވާދަކޮށްގެންނެވެ.
އަސްލު ވެސް ބޮޑު އުނދަގުލަކަށް ވެއްޖެ މިކަން. މުޙައްމަދުމެންނަށް ނުވިސްނޭ.
މީ 4 އަހަރުން 1 ފަހަރު އޮންނަ މުބާރާތެއް ދޭސީންނާއި ބިދޭސީން ވެސް ފޯރިނަގާނެ މިކީ ބަޔަކު މައްސަލައަކަށް ހަދަންޖެހޭވަރުގެ ކަމެއް ނޫން އެހެންނޫނަސް ފޯރިނަގާ ބަޔަކު އެއްތަނެއްގަ އިރުވަންދެން މަޑުކޮށްގެންވެސް ނޫންތާ އެ ތިބެނީ