ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކުރިއަށް ގެންދިޔަ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީނު ޕްރޮގްރާމް ނިންމާލައިފިއެވެ.
ޑީޖޭއޭ އިން ބުނީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ތަމްރީނު ޕްރޮގްރާމްގެ 12 ވަނަ ބުރުގެ ސެޝަންތަކުގައި، ސުލްޙައިގެ މަރުހަލާގެ އިޖުރާއަތުތަކާއި ޓްރެކްތަކުން މައްސަލަ ހިންގުމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އަދި ޙުކުމް ތަންފީޒުކުރުމާއި، އިސްތިއުނާފްކުރުމުގެ އިތުރުން ޚަރަދު ނަގައިދިނުމުގައި އަމަލުކުރާނެ ގޮތްތައް ކިޔާދީފައިވާ ކަމަށްވެސް ޑީޖޭއީ އިން ބުނެއެވެ.
މި ޕްރޮގްރާމް ނިންމާލުމުގެ ގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަވަމުން ވަނީ މި ޕްރޮގްރާމްގެ ސެޝަންތަކުގައި ބައިވެރިން ބެހެއްޓެވި ޝައުޤާއި ދެއްވި އެއްބާރުލުން ފާހަގަކުރައްވާ ބައިވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
މި ތަމްރީން ޕްރޮގްރާމްގައި ރ، ބ، ކ، އއ، އދ އަދި ގދ ގެ ޖުޑީޝަލް ދާއިރާތަކުން ޖުމްލަ 60 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް ޑީ.ޖޭ.އޭ އިން ބުނެއެވެ.
މަދަނީ އިޖުރާއަތުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގަ އާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެމަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކުރުމުގެ ގޮތުން އެކުލަވައިލާފައިވާ ޤާނޫނެކެވެ.
މި ޤާނޫނުގެ އާއްމު މަގްސަދަކީ، ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއްނިންމުމަށް މަގުފަހިކުރުވުމެވެ.