ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ހަނދާނުގައި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ސޮއިކުރައްވައިފިއެވެ.
ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި، ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
އަދި ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒަޢާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ޒަޢާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފްކުރެއްވިއެވެ.
ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ، ހުސްވި ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އަވަހާރަވި އިރު އުމުރުފުޅަކީ، 96 އަހަރެވެ.